ފެނަކައިން އެކި ރަށްރަށުގައި ހިންގަމުންދާ އައު އޮފީސް އިމާރާތް ކުރުމާއި އިންޖީނުގެ ޤާއިމްކުރުމުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް ނިމިއްޖެ އެވެ.
ފެނަކަ އިން ބުނީ މީގެތެރޭގައި މ.މުލީގައި އިމާރާތް ކުރަމުންދިޔަ އޮފީސް އިމާރާތުގެ މަސައްކަތް ހިމެނޭ ކަމަށާއި ޒާމާނީ ފެންވަރަށް ތަަރައްޤީ ކޮށްފައިވާ މި އިމާރާތަކީ، އަލިފާން ނިވާ ސިސްޓަމަކާއި ފަޔަރ އެލާމް ސިސްޓަމެއްވެސް ޤާއިމްކޮށްފައިވާ އިމާރާތެއް ކަމަށެވެ.
ދެ ބުރިއަށް އިމާރާތް ކުރަމުންދާ މި އޮފީސް އިމާރާތަކީ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތަކަށް ވުމުން، އިމާރާތް ބޭނުން ކުރެވެން ފެށުމުން މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ކަސްޓަމަރުން މިހާރަށްވުރެ ފަަސޭހަ ވެގެންދާނެ ކަމަށް ފެނަކަ އިން ބުނެ އެވެ.
މުލީގެ އިތުރުން ބ.ކެންދޫގެ ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ވެސް އެއްކޮށް ނިމިފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އޮފީސް އިމާރާތުގެ އިތުރަށް އައު އިންޖީނުގެއެއްވެސް އެރަށުގައި އިމާރާތްކޮށް، މިހާރު 97 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.
މީގެ އިތުރުން ރ.ރަސްގެތީމުގައި ޤާއިމްކުރަމުންދާ އިންޖީނުގޭގެ މަސައްކަތްވެސް މުޅީންހެން ނިންމާލެވި، އަންނަ ހަފްތާގައި އިންސްޕެކްޝަން ކުރިއަށް ގެންދެވޭނެ ކަމަށް ފެނަކަ އިން ބުނެ އެވެ. އައު އިންޖީނުގެތައް އިމާރާތް ކުރުމުގެ އިތުރަށް އިންގީނުގޭގެ ޑެގްރޫމް ބޮޑުކުރުމުގެ މަޝްރޫޢުތަކެއްވެސް ފެނަކައިން ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ގދ.ފިޔޯރީގައި ކުރިއަށް ގެންދިޔަ ޑެގްރޫމް އެކްސްޓެންޝަން މަސައްކަތް މިހާރު މައި ދޮރުގެ މަސައްކަތް ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ފުރިހަމަކުރެވިފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.
ފެނަކައިން ކުރިއަށް ގެންދާ މި މަޝްރޫޢުތަކުގެ ނިމުމުން އެރަށްރަށުގައި ފެނަކައިން ދޭ ޚިދުމަތްތައް ފުޅާކުރެވި، ޚާއްސަކޮށް ކަރަންޓުގެ ޚިދުމަތަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.