މި އަހަރުގެ މިހާތަނަށް ރަޝިއާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވެސް 200،000 އިން މައްޗަށް އަރައިފި އެވެ.
ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދާ ހަމައަށް އެ ގައުމުން 202،136 ޓޫރިސްޓުން އައިސްފައިވެ އެވެ. ރަޝިއާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ދެވަނަ ގައުމެވެ.
އެއް ވަނައިގައި އޮތް ޗައިނާ އިން މިހާތަނަށް 248،564 ޓޫރިސްޓުން އައިސްފައިވެ އެވެ. ޗައިނާ އާއި ރަޝިއާ އަކީ ޓޫރިސްޓުންގެ އަދަދު މި އަހަރު 200،000 އިން މައްޗަށް އެރި ހަމައެކަނި ދެ ގައުމެވެ.
ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ވަނަ ގައުމަކީ އިނގިރޭސިވިލާތެވެ. އެ ގައުމުން މިހާތަނަށް 156،944 ޓޫރިސްޓުން އައިސްފައިވެ އެވެެ.
ގަދަ 10 ގައި ދެން ހިމެނޭ ގައުމުތަކަކީ ޖަރުމަން (139،804 ޓޫރިސްޓުން)، އިޓަލީ (122،527 ޓޫރިސްޓުން)، އިންޑިއާ (110،001 ޓޫރިސްޓުން)، އެމެރެކާ (60،578 ޓޫރިސްޓުން)، ފްރާންސް (47،365 ޓޫރިސްޓުން)، ސްޕެއިން (42،439 ޓޫރިސްޓުން) އަދި ސްވިޓްޒަލޭންޑް (36،100 ޓޫރިސްޓުން) އެވެ.
މިއަދާ ހަމައަށް ރާއްޖެ އަށް ޖުމްލަ 1،803،823 ޓޫރިސްޓުން އައިސްފައިވެ އެވެ.
މި އަހަރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ކަމަށްވާ އިރު، ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ އަންނަ މަހުގެ ފަހުކޮޅު އެ އަދަދު ހަމަވާނެ ކަމަށެވެ.