Last Updated: June 12, 17:57
Friday, June 12, 2026
ސިޔާސީ

ބަޢާވާތަށް ފަހު ޙާލަތު ވަނީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައި: ނަޝީދު

ބަޢާވާތަށް ފަހު ރާއްޖޭގެ ޙާލަތު ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައިވާ ކަމަށާއި، ރާއްޖޭގައި ރިޔާސީ އިންތިޙާބް ބޭއްވުމުގެ ކުރިން މި ޙާލަތު ބަދަލު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

“އެމްޑީޕީގެ ކާމިޔާބު އަހަރު 2013″ގެ ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައްޔިތުން އެދޭ މިންވަރަށް ރާއްޖޭގެ ކަންކަން ބަދަލު ކުރުމަކީ ނުރައްކާތެރިކަމެއްކަން އެނގިވަޑައިގެންފި ކަމަށެވެ. އަދި ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުން އައި އަނިޔާވެރިކަމާއި ބޭއިންސާފާއި ބޭވަފާތެރިކަން ބަދަލު ކުރަން އުޅުމަކީ އެކަން ކުރަން އުޅޭ ބަޔަކަށް ނުހަނު ބިރުވެރިކަމެއްކަން އަބަދުވެސް އެނގިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެމްޑީޕީ ނުކުތީ ރައްޔިތުންނަށް ޚިދުމަތްކޮށް ދިނުމަށް ކަމަށް ވާތީ، އެ ކަމުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނޭ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ހޯދި ކުރިން އެރުންތައް މި ސަރުކާރު ވެރިކަމަށް އައި ފަހުން މުޅިން ނެތި ހިނގައްޖެ ކަމަށެވެ.

“ބަޣާވާތުގެ ކުރީގައި ސްކޫލުތަކުގައި ފޮތް ފަންސޫރު ހުންނާނެ. ބަޣާވާތުގެ ކުރީގައި ސްކޫލުތަކުގެ ފާހާނާތައް ރަނގަޅުވާނެ. އެތައް ސަތޭކަ ސްކޫލެއް އައީ އެއް ދަންފަޅި އަށް ބަދަލު ކުރަމުން. ބަޣާވާތުގެ ކުރިން ކުޑަކުދިން ކިރާނެ. އެކަމަކު ބަޣާވާތުގެ ފަހުން ކުޑަކުދިންނެއް ނުކިރާ. ހޮސްޕިޓަލުތަކުގައި ބޭހެއް ނެތް. ރަށްރަށުގައި ކަރަންޓެއް ނެތް. ރައްޔިތުން ތިބީ އަނެއްކާ ވެސް ރަށު ބަންދުގައި. ބަޣާވާތުގެ ފަހުން ރާއްޖެ މި ދަނީ އަނދަވަޅަކަށް ވެއްޓެމުން. އެހެންވެ، މި ބަޣާވާތުން ނެއްޓުމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަން ޖެހޭ” ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ނަޝީދު ވަނީ އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންނަށްޓަކައި ކޮށްދޭނެ މައިގަނޑު ތިން ކަމެއް ވެސް އިޢުލާން ކުރައްވާފަ އެވެ.

އެގޮތުން މަސައްކަތް ކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 4،500ރ. ދޭނެ ކަމަށާއި، އެމްޑީޕީގެ ވެރިކަމެއްގައި ވަޒީފާ ނުލިބޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވެސް ނިދާނީ އެ މީހުންގެ އަނބިދަރިން ކައިރީގައި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.