ސަރުކާރަށް މިނިވަން މުއައްސަސާތައް އަޅުވެތި ކުރެވިދާނެ ކަމަށާއި ނަމަވެސް ރައްޔިތުންގެ ވޯޓަކީ ސަރުކާރަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ.
ޕީއެންއެފުން މިރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މަޖިލީހުގެ ނިންމުމާއެކު ރާއްޖެ މިހާރު 30 އަހަރު ފަހަތަށް ގޮސްފައިވާ ކަމަށާއި މީގެ 30 އަހަރުކުރިން ވެސް ކޮމިޝަންތަކަށް ބޭފުޅުން ހަމަޖައްސަވަނީ އޭރު ހުންނަވާ ރައީސަކު ކަމަށެވެ. މި ސަރުކާރުގެ ބޭފުޅުންގެ މައްސަލަތައް އޭސީސީގައި އެބަހުރި ކަމަށާއި ނަމަވެސް އެއްވެސް މައްސަލައެއް ހިނގިދިޔަ ނުދެއްވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ނަޒާހަތްތެރިކަމުގެ މިންގަނޑުން ހަމަ ސުމެއް. އެއްވެސް ކަމެއް ކުރިޔަކަ ނުދޭ،" ޔާމީން ވިދާޅުވި އެވެ.
ގާނޫނު އަސާސީން އުފަންކުރި ހުރިހާ ކޮމިޝަންތަކާއި މުސްތަގިއްލު މުއައްސަސާތައް ބަންދުކޮށްފިނަމަ މިހާރު މާ ރަނގަޅު ކަމަށާއި މިހާރު އޮންނަންވީ ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ ކަމަށް ޔާމީން ވިދާޅުވި އެވެ. ގާނޫނު އަސާސީ އޮޅާލުމަށްފަހު އޭގައި ހުރި ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވާފައިވާ ކަމަށާއި ނަމަވެސް ރައީސަށް ފަހުވާ ގޮތަށް ގާނޫނު ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"އޭސީސީ އަޅުވެތިކޮށް ނިމުނީ. އިލެކްޝަންސް ކޮމިޝަން އަޅުވެތިކޮށް ނިމުނީ. މި ތަންތަނުގެ މަގާމުތަކަށް މީހުން ހަމަޖެއްސިޔަސް، ރައްޔިތުންގެ ވޯޓަކީ ސަރުކާރަކަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން. އެއީ ހީކުރުމަކީ ކުށް ހީއެއް،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި ބަދަލު ގެނައުމުގެ ބޭނުމަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަންތަކުގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަންކުރުުމުގައި، އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަކުރުން ކަމަށެވެ.