Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އިޒްރޭލު ޕާސްޕޯޓް މަނާކުރަން ރައީސް ބޭނުންފުޅެއް ނުވޭ

އިޒްރޭލު ޕާސްޕޯޓް މަނާ ނުކުރެވިގެން އުޅެނީ އެކަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް ހުށަހެޅީ މިދިޔަ ޖޫން 10 ގަ އެވެ. ނަމަވެސް އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީގައި އޮންނަތާ މިހާރު ވަނީ 100 އަށް ވުރެ ގިނަ ދުވަސް ވެފަ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ގެ ނިޔަލަށް ނިންމަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރެވިގެން އުޅެނީ މަޖިލީހުގެ ތެރޭގައި އިޖުރާއަތްތަކެއް އޮވެގެން ނޫން ކަމަށާއި މިކަން ކުރަން ރައީސް މުއިއްޒު ބޭނުންފުޅު ނުވާ ކަމަށެވެ.

"މުއިއްޒުގެ ވިލިންގްނެސް ނެތީ. މުއިއްޒުގެ ވިލިންގްނެސް ނެތީ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުގެ ހަމަ ވިލިންގްނެސް ނެތީ އިނގެތޯ. ނަތަންޔާހޫ ދިވެހިރާއްޖެއަށް އަރައިފިއްޔާ ހައްޔަރު ކުރާނެ ކަމަށް އެބަ ބުނޭ. އެއީ އެބަ އިނގޭ ނަތަންޔާހޫ ދިވެހިރާއްޖެއަކަށް ނާންނާނެކަން،" ޔާމީން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަކީ މިހާރު ސަރުކާރުގެ ރަބާ ސްޓޭމްޕެއް ކަމަށާއި ސަރުކާރުން ކުރަން ބޭނުންވާ ކަންކަން މަދު ގަޑިއިރުތަކެއްގެ ތެރޭގައި މަޖިލީހުގެ ތެރެއިން ކުރެވޭ ކަމަށެވެ. އަދި މަޖިލީހުގައި މިއަދު ރައްޔިތުންގެ ހައްގުގައި ބަޓަނަކަށް ފިތާލަން ކެރޭ މީހަކު ވެސް ނެތް ކަމަށް ވިދާޅުވެ ޔާމީން ވަނީ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވަމުންދާތީ އިދިކޮޅު އެމްޑީޕީ އާއި ގިނަ ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށާއި މަޖިލީހަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން މިކަން އަވަސްކުރަން ގޮވާލައި މަޖިލިސް ދޮށުގައި އިހުތިޖާޖުތައް ވެސް އަންނަނީ ބާއްވަމުންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 44،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.