އެމްޑީޕީން ތައާރަފް ކުރި ލޯކަލް ޓޫރިޒަމް މި ސަރުކާރުން ފުނޑުފުނޑުކޮށްލަމުންދާ ކަމަށާއި މި ސަރުކާރު ބަލިކޮށްލާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އއ. އުކުޅަހުގައި ތިބި އެމްޑީޕީ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ސަރުކާރުން ޓޫރިޒަމާއި ގުޅޭ ޓެކްސްތައް ބޮޑުކުރުމުން ލޯކަލް ޓޫރިޒަމް ހިންގާ ރަށްތަކުގައި ކޮޓަރި ކުއްޔަށް ވުރެ ޓެކްސް ބޮޑުވެގެން ގޮސްފައިވާ ކަމަށާއި ސަރުކާރުގެ ތެރޭގައި ހިސާބު ޖަހަން އެނގޭ ކޮންމެވެސް އެކަކު ހުންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
އުކުޅަސް ފަދަ ކުދި ރަށްތަކުގައި ރައްޔިތުން އަމިއްލަ އަށް އިސްނަގައިގެން ހިންގާ ލޯކަލް ޓޫރިޒަމް ސަރުކާރުން އެއްކޮށް ފުނޑުފުނޑުކޮށްލަމުންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އެކަމަކު އަނެއްކާވެސް ދަންނަވަން އޮތީ މާޔޫސް ނުވާތި. އަޅުގަނޑުމެން މި ސަރުކާރު ބަލިކޮށްލާނަން، ޝާހިދު ވިދާޅުވި އެވެ.
ތިން ޓެކްސްއެއް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ ކުރީކޮޅު ތަސްދީގު ކުރައްވާފަ އެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅީ ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ބޮޑުކުރުމަށާއި، ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ، ޓީޖީއެސްޓީ އާއި އެއާޕޯޓް ޓެކްސް ބޮޑުކުރުމަށެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހެޅި އެ އިސްލާހުގައިވާ ގޮތުން މިހާރު ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އަންނަ 16 ޕަސެންޓް އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން 17 ޕަސެންޓަށް ބޮޑުވާނެ އެވެ. އެއާ އެކު އަންނަ އަހަރު މި ޓެކްސް އިން ދައުލަތަށް އިތުރަށް 200 މިލިއަން ޑޮލަރު ލިބޭނެ އެވެ.
ޓީޖީއެސްޓީގެ އިތުރުން ގްރީން ޓެކްސް ބޮޑުކުރުމާ ގުޅޭ އިސްލާހުގައިވާ ގޮތުން 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގަން ވަނީ ނިންމާފަ އެވެ. އަދި ރިސޯޓުތަކުން ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ. މިއަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.
މި ބަދަލާއެކު އަންނަ އަހަރު މި ޓެކްސްއިން ލިބޭ އާމްދަނީ 963.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެއިތުރުން ސަރުކާރުން ވަނީ ޑިޕާޗާ ޓެކުހުން އިކޮނޮމީ ކްލާހުން ދަތުރުކުރާނަމަ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 50 ޑޮލަރު ނެގުމަށް ހުށަހަޅާފަ އެވެ. ބިޒްނަސް ކްލާހުންނަމަ 120 ޑޮލަރު އަދި ފަސްޓް ކްލާހުން ނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 240 ޑޮލަރު ނެގުމަށް ވަނީ ހިމަނާފަ އެވެ. ޑިޕާޗާ ޓެކުހުގެ އިތުރުން މިހާރު ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ ވެސް ދަތުރުކުރާ ކްލާހުގެ ނިސްބަތުން ހަމަ އެ މިންވަރަށް ވަނީ ބޮޑުކޮށްފަ އެވެ.