ހުޅުމާލެ މޮނިއުމަންޓްތައް ޑިޒައިން ކުރުމަށް ބޭއްވި މުބާރާތުން އެންމެ ރަނގަޅު ކަމަށް ހޮވުނު މޮނިއުމަންޓް ޑިޒައިންތައް އަލުން މުރާޖާ ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އިން ނިންމައިފި އެވެ.
އެ ކުންފުނިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މޮނިއުމަންޓް ޑިޒައިން ކުރަން މުބާރާތަކަށް ހުޅުވާލައި، މުބާރާތުގެ ސުންގަޑި ހަމަވިއިރު ހުށައަޅާފައި ވަނީ 7 ޑިޒައިނެއް ކަމަށާ އެ ހުށައެޅުންތަކުގެ ތެރެއިން ވަނަ ހޮވާފައި ވަނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ޕްރޮޕެޝަނަލް ސްޓާފުންގެ ޕެނަލަކުން ހުށައެޅުންތައް ބެލުމަށް ފަހު ކަމަށެވެ.
ނަމަވެސް އެއްވަނަ އަށް ދިޔަ މޮނިއުމަންޓް ޑިޒައިންތަކަކީ އޭއައި ޖެނެރޭޓެޑް ޑިޒައިންތަކެއް ކަމަށް ބުނެ އާންމުންގެ ބަޔަކު އެ ޝަކުވާ ހުށައެޅުމާ ގުޅިގެން އެ ޝަކުވާތައް އިތުރަށް ބަލައި ވަނަ ލިބުނު ޑިޒައިންތައް ރިވިއު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވަނީ އެޗްޑީސީން ބުންޏެވެ.
އެއް ވަނަ އަށް ދިޔަ މޮނިއުމަންޓް ޑިޒައިން ކުރި ފަރާތް އެ ކުންފުނިން އިއުލާންކުރީ މި މަހުގެ 24 ގަ އެވެ. އެގޮތުން ހޮވުނީ އަބްދުﷲ ޝައިމާން ވަހީދާއި އިބްރާހީމް އިފާޒްގެ އާކޯސް ޓީމުން ހުށަހެޅި ޑިޒައިންތަކެވެ.
ހުޅުމާލޭގައި ރައުންޑްއެބައުޓްސްތައް އިތުރުވަމުން އަންނަ އިރު ރާއްޖޭގެ ރީތިކަން ރަމްޒުކޮށްދޭ ފަދަ މޮނިއުމަންޓްތައް ބަހައްޓަން ނިންމައި މޮނިއުމަންޓް ޑިޒައިން ކިރަން އެޗްޑީސީން ހުޅުވައިލީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އެގޮތުން އެންމެ ރީތި މޮނިއުމަންޓްތައް ޑިޒައިންކޮށްދޭ ފަރާތަކަށް 100،000ރ. ރުފިޔާގެ އިނާމެއް ދޭން އޮތީ ނިންމައިފަ އެވެ..
އެޗްޑީސީން ޕްލޭންކޮށްފައި ވަނީ 11 ރައުންޑް އެބައުޓްސްގައި މޮނިއުމަންޓް ބަހައްޓާށެވެ. އެެއީ ހުޅުމާލޭގެ ފޭސް އެކެއްގެ ހަތަރު ރައުންޑްއެބައުޓްސް އާއި ފޭސް ދޭއްގެ 8 ތަނެކެވެ.