Last Updated: July 26, 13:47
Sunday, July 26, 2026
ޚަބަރު

'އޮޅު ހިޔާ' ގެ ހިދުމަތް އަންނަ މަހު ފަށަނީ

ހުޅުމާލޭގައި ގާއިމުކޮށްފައިވާ ބުޅާ ފެސިލިޓީ، "އޮޅު ހިޔާ" ގެ ހިދުމަތް އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މީޑިއާ ޕޯސްޓެއްގައި ބުނީ އެ ފެސިލިޓީގެ އޮޕަރޭޝަން ފަށައިގަތުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން ފެސިލިޓީއަށް ބޭނުންވާ މީހުންނާއި ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

"އޮޅު ހިޔާ" ހުޅުވީ މި މަހުގެ 2 ގަ އެވެ. އެތަން ގާއިމުކޮށް، ހިންގައި މެނޭޖް ކުރަން ދިރޭތަކެއްޗާ މިނިސްޓްރީން ހަވާލުކޮށްފައި އޮތީ މާލެ ކައުންސިލާ އެވެ.

ނަމަވެސް މިހާތަނަށް" އޮޅު ހިޔާ" އަށް މާލޭގެ މަގުތަކުން ބުޅާ ނަގައިގެން ގެންގޮސްފައި ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންވެ އެކަމާ ގުޅޭ ގޮތުން އިއްޔެ މިނިސްޓްރީން ކައުންސިލާ ވެސް ބައްދަލުކޮށްފައިވެ އެވެ.

"އޮޅު ހިޔާ" ހުޅުވީ މާލޭގެ މަގުތަކުގައި ބުޅާތައް ގިނަވެ، އެކަމަކު ސަބަބުން ތަފާތު މައްސަލަތައް ކުރިމަތިވަމުންދާތީ އެވެ. އެހެންވެ މިއީ ބުޅާތައް ރަނގަޅަށް ބަލަހައްޓަން ގާއިމުކުރި ތަނެކެވެ. "އޮޅު ހިޔާ" ގާއިމުކޮށްފައި ވަނީ ބުޅާތަކަށް ބޭނުންވާ ސިއްހީ ފަރުވާ އާއި އެ ނޫން ވެސް ހިދުމަތްތައް ހުންނާނެ ވަސީލަތްތަކާ އެކީގަ އެވެ.

އެތަނުން އާންމުން އޮޅުކޮށްގެން ގެންގުޅޭ ބުޅާތަކަށް ވެސް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށް ދޭނެ އެވެ.