Last Updated: May 15, 13:56
Thursday, May 15, 2025
ޚަބަރު

ކުޅިވަރު ސިޔާސީ ކުރުން ހުއްޓާލަން ޖެހޭ: ޝުޖާ

ކުޅިވަރު ކުރިއެރުވޭނީ ކުޅިވަރު ސިޔާސީ ކުރުން ހުއްޓާލައިގެން ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ކުޅިވަރު ގާނޫނަށް ގެންނަން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ އިބްތިދާއީ ބަހުސްގައި އޭނަ މިއަދު ވިދާޅުވީ ކުޅިވަރު ކުރިއަރުވަން މި ސަރުކާރުން ގަދައަޅައި މަސައްކަތް ކުރާ މާމެދު ޝައްކެއް ވެސް ނެތް ކަމަށެވެ.

"ކުޅިވަރު އަޅުގަނޑުމެންނަށް ހަގީގަތަކަށް ގެނެވޭނީ ނުވަތަ ކުޅިވަރު އަޅުގަނޑުމެންނަށް ތަރައްގީ ކުރެވޭނީ ކުޅިވަރުގެ ތެރެއިން ސިޔާސީ ނުފޫޒު އެއްކިބާ ކުރެވޭ ދުވަހަކުން،" ޝުޖާ ވިދާޅުވި އެވެ. "އެ ސަރުކާރު މި ސަރުކާރު ކިޔުން ހުއްޓައި އަޅުގަނޑުމެން ސިޔާސީ ހުރިހާ ވަކިތަކުން ކުޅިވަރު ސަލާމަތް ކުރެވޭ ދުވަހަަކުން ނޫނީ ކުޅިވަރު ކުރިއަރައިގެން ދާނެ ކަމާމެދުގައި އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދޭ."

އޭނަ ވިދާޅުވީ ރާއްޖޭގައި އުފައްދާފައި ހުރި ކުޅިވަރު އެސޯސިއޭޝަންތަކަށްވުރެ ބޮޑަށް ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތް ކުރަނީ އަތޮޅު އަދި ރަށު ފެންވަރުގައި ކައުންސިލުތަކުން ކަމަށެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ރާއްޖޭގައި އެންމެ ގިނަ ބަޔަކު ފޯރި ހުންނަ ފުޓުބޯޅަައިގެ ރަން ޒަމާނަކީ ޒޯން ޑިވިޝަންތައް ކުޅުނު ދުވަސްވަރު ކަމަށާއި އޭރު ގޯލު ދާގަނޑާއި ފުޓުބޯޅައެއް ގަތުމުގެ ތަނަވަސްކަން ވެސް ބައެއް ރަށްރަށުގައި ނެތް ކަމަށް ވިދާޅުވި އެވެ.

"ފުޓުބޯޅަ ފޯރި މާލެ އާއި އަތޮޅު ތެރޭގައި އިންތިހާއަށް ވަރަށް ބޮޑެވެފައި އޭރު އޮތް، މިއަދަކު އެކަމަށް އަޅުގަނޑުމެންނަކަށް ނުފެނޭ،" އޭނަ ވިދާޅުވި އެވެ. "އޭރަކު ކުޅިވަރާ ބެހޭ ހާއްސަ ވުޒާރާއެއް ނުހުރޭ. އެހެން ނަމަވެސް މިއަދު ކުޅިވަރާ ބެހޭ ހާއްސަ ވުޒާރާތައް އެބަހުރި. ތަފާތު ބޮޑެތި މަގާމުތައް އުފައްދައި ބޮޑެތި މޭޒު ގޮނޑި އެ ބޭފުޅުންނަށް ހާއްސަ ކުރެވިފައިވޭ."

އަދި ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު މިހާރު އޮތް ހާލަތަށް ދިޔައިރު، އެފްއެމްއޭމަކީ ކޮރަޕްޝަނުގެ ހާއްޔެއްގެ ގޮތުގައި ވެސް ޝުޖާ ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ދަށުން ގާއިމު ކުރެވޭ ކުޅިވަރުގެ ފަންޑްގެ ސަބަބުން ދިވެހި ކުޅިވަރު ކުރިއެރުވުމަށް ބާރުލިބި އެހެން ހަރުފަތަކަށް ކުޅިވަރުތައް ގެންދެވޭނެ ކަމަށެވެ.