Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ޑްރަގް ގާނޫނުގެ އިޞްލާޙުތައް މި ހަފުތާގައި ހުށަހަޅަނީ

މަ‏ސްތުވާތަކެއްޗާބެ ހޭ ޤާނޫނު ރިވިއުކުރުމަށް ފަހު، އެ ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތައް މި ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތް ކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލު ކުރަމުން އަންނަ މަސްތުވާތަކެއް ޗާބެހޭ ޤާނޫނުގައި ހުރި ބައެއް އުނިކަންކަން ކަމަށެވެ.

"އެހެންކަމުން، މަސްތުވާތަކެތީގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާ ކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކުގެ މަޝްވަރާއާ އެކު މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ރިވިއު ކުރުމަށް ފަހު، އެ ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތައް މި ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ދިވެހި ޤައުމު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނުގެ ބަދަލުގައި، މި ސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

"މި ފަދަ ބޮޑެތި މައްސަލަތަކަށް ދާއިމީ ޙައްލެއް ގެނައުމަށް ކުރަމުން މިދާ މަސައްކަތްތަަކަށް ދިވެހި ލޮބުވެތި ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ނުހަނު ޝުކުރު ދަންނަވަން." ރައީސް ވިދާޅުވި އެވެ.