ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސެނަން ހިމަނައިގެން އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ ޑައިރެކްޓްކުރަން ޕްލޭންކުރި، ހިންދީ ސިނަމާގެ ކުރީގެ ބަތަލާ މީނާ ކުމާރީގެ ބައޮގްރަފިކަލް ޑްރާމާ ނަހަދަން މިހާރު ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.
އެ ފިލްމުން ޑައިރެކްޝަނަށް ނުކުންނަން އަމާޒު ހިފި ޑިޒައިނަރު މިކަން ހާމަކުރީ އޭނަގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ސްޓޭޖް 5 އިން ޕްރޮޑިއުސްކުރި "ސާލީ މުހައްބަތު" ޕްރީމިއާކުރަން ގޯއާގައި މިހާރު ކުރިއަށްދާ 55 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު ފެސްޓިވަލް (އައިއެފްއެފްއައި) ގެ ހަވާސާގައި އިއްޔެ މީޑިއާތަކާ ވާހަކަ ދައްކަމުންނެވެ.
މަނީޝް ބުނީ އޭނަ ހަދަން އުޅުނު މީނާ ކުމާރީގެ ބައޮޕިކްގެ މަސައްކަތް މިހާރު އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް ވަކި ސަބަބެއް ހާމައެއް ނުކުރެ އެވެ.
މަނީޝް ބުނީ ޑައިރެކްޝަނަށް ނުކުތުމަކީ ވަރަށް ބޮޑު ހުވަފެނަކަށްވާތީ، މިހާރު އެހެން ޕްރޮޖެކްޓަކަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް ނުދެ އެވެ. މަނީޝް ކުރިން ޕްލޭން ކުރަމުން އައި އަންނަ އަހަރުގެ ތެރޭގައި ބައޯޕިކްގެ މަސައްކަތް ފަށާށެވެ.
ވަރަށް ޒުވާން އުމުރުގައި ހިތްދަތި ދިރިއުޅުމަކާ ކުރިމަތިލާން ޖެހުނު މީނާ ކުމާރީ އަކީ "ޓްރެޖެޑީ ކްއީން" ގެ ގޮތުގައި ސިފަކުރާ ހިންދީ ސިނަމާގެ ވަރަށް މޮޅު، އެހާމެ ކާމިޔާބު ބަތަލާއެކެވެ. އުމުރުން އެންމެ 38 އަހަރުގައި 1972 ގައި މަރުވި ބަތަލާ ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި "ބައިޖޫ ބަވްރާ"، "ދޯ ބިގާ ޒަމީން"، "ސާހިބު، ބީވީ އޯރް ގުލާމް" އަދި "ޕަކީޒާ" ހިމެނެ އެވެ.
މަނީޝްގެ ސްޓޭޖް 5 އިން ގެނެސްދޭ "ސާލީ މުހައްބަތު" އަކީ ބަތަލާ ޓިސްކާ ޗޯޕްޅާގެ ޑައިރެކްޝަނެކެވެ. އެ ޕްރޮޑަކްޝަން ހައުސް އިން އަންނަނީ "ބަން ޓިއްކީ" އާއި "އުލް ޖަލޫލު އިޝްގް" ކިޔާ ފިލްމެއް ވެސް ގެނެސްދޭން ތައްޔާރުވަމުންނެވެ.