ރާއްޖޭގައި މެޑިކަލް ސްކޫލްގައި ކިޔަވަން ބޭރު ގައުމުތަކުގެ ދަރިވަރުން ވަރަށް ޝައުގުވެރިވާ ކަމަށާއި މިހާރު ވެސް އެއް ގައުމަކުން 500 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ނަޒީރު ޕީއެސްއެމްގައި ވިދާޅުވީ ރާއްޖޭގައި މެޑިސިން އަށް ކިޔަވަން ބޭރުގެ ދަރިވަރުން ޝައުގުވެރިކަން އިތުރުވަމުން ދިޔަ ނަމަވެސް ގައުމީ ޔުނިވަރސިޓީގައި މިހާރު ހުރި މެޑިކަލް ސްކޫލުގައި ދަތިކަން ބޮޑު ކަމަށެވެ.
އެގޮތުން ދިވެހި ދަރިވަރުންގެ ވެސް ޑިމާންޑު އެކަމަށް އޮތުމުން އެ ފުރުސަތު އަދި ބޭރުގެ ދަރިވަރުންނަށް ނުދެވި އޮތީ ކަމަށް ނަޒީރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޖާގަ ތަނަވަސް މެޑިކަލް ސުކޫލެއް ހުޅުމާލޭގައި ގާއިމްކޮށް ވީހާ ވެސް ގިނަ ދަރިވަރުނަށް ފުރުސަތު ފަހިކުރުން ކަމަށެވެ.
ސަރުކާރުން އޮތީ ހުޅުމާލޭގައި މެޑިކަލް ސްކޫލެއް ގާއިމު ކުރަން ނިންމައިފަ އެވެ. ޔުނިވަސިޓީން ބުނެފައި ވަނީ އެތަނަކީ އެއްފަހަރާ 100 ދަރިވަރުންނަށް ކިޔަވައި ދެވޭނެ ޒަމާނީ ވަޞީލަތްތަކާއެކު ހަދާ ތަނެއް ކަމަށެވެ. މިއީ ޕާކިސްތާންގެ އެހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ނަޒީރު ވިދާޅުވީ ރާއްޖޭގައި ބޭރުގެ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައި އިންޓަނޭޝަނަލް ސްޓޫޑަންޓް ވިސާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ފަހިކުރުމާއި، ބޭރުގެ ދަރިވަރުންނަށް ރާއްޖޭގައި ކިޔެވުން ފަހިކުރުމާއެކު އެކަމަށް ޚާއްޞަ ޤާނޫނެއް ވުޖޫދު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.
އަދި ބޭރުގެ ދަރިވަރުންނަށް ފަސޭހަކަމާއެކު އެކޮމޮޑޭޝަން ލިބޭނެ ގޮތް ފަހިކުރުމަށް ހުޅުމާލޭގައި ދަނާލެއް އަޅާނެ ކަމަށް ވިދާޅުވި އެވެ.
"ހުޅުމާލެ އާއި މާލޭގެ އިތުރުން ތިން ރަށެއް ހިމެނޭ ގޮތަށް ފަސް ދަނާލު އަޅަން ބަޖެޓް ކުރެވިފައި ވަނީ." ނަޒީރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ގޮތުގައި މިއީ އިގުތިޞާދު ސިންދަފާތުކުރުމައްޓަކައި މަތީ ތައުލީމުގެ ތެރެއިން ކުރެވޭނެ ވަރަށް މުހިންމު މަސައްކަތެކެވެ. ކަމަށެވެ. އަދި އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރާ 20،000 ދަރިވަރުންގެ ތެރެއިން ފަސް ޕަސަންޓަކީ ރާއްޖޭން ބޭރުގެ ދަރިވަރުންނަށް ހެދުމެވެ.