Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އީސީ އާއި އޭސީސީގެ ވެރިން އައްޔަންކުރުމުގެ ބާރު ރައީސަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލުތައް މަޖިލީހުން ފާސްކުރީ އިއްޔެ ބޭއްވި ޖަލްސާގަ އެވެ.

ސަރުކާރުގެ ފަރާތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

މި ބިލުތަކުގައިވާ ގޮތުން ކޮމިޝަންގެ ރައީސް ނުވަތަ ނާއިބު ރައީސަކު އައްޔަން ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ އެވެ.

އެ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ނުވަތަ، ނާއިބުރަ އީސް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން އެ ދެ ކޮމިޝަނަށް ވެސް ރައީސަކާއި ނާއިބު ރައީސަކު އައްޔަންކުރަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުންނެވެ.

މި ބަދަލު ގެނައުމުގެ ބޭނުމަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަންތަކުގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަންކުރުުމުގައި، އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަކުރުން ކަމަށް ބުނެފައިވެ އެވެ.