މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޫކުރުމަށް ކުރީ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓް ދޭނީ ހައްގުވެރިންނަށް ކަމަށާއި ސިޔާސީ ފަރާތްތަކަށް އެކަމުގައި ނުފޫޒެއް ނުފޯރުވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ކުރިއަށްދާ ރީ އިވެލުއޭޝަން މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ފަތުރަމުން އަންނަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.
އަދި ރީ-އިވެލިއުކޭޝަނުގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި މިނިސްޓްރީގެ މަގުސަދަކީ މި ސްކީމްގެ ދަށުން ފްލެޓް ލިބިގެންދާނީ އެންމެ ހައްގުވެރި މީހުންނަށް ކަމަށް ކަނޑައެޅިގެން ދިއުން ކަމަށް ބަޔާނުގައިވެ އެވެ.
"ގެދޮރުވެރިޔާ ސްކީމު" ގެ ދަށުން ފުރަތަމަ ފްލެޓް ދޭން ނިންމީ 4،000 މީހުންނަށެވެ. އެގޮތުން ލިސްޓް އާންމުކުރުމާ އެކީ ގިނަ ޝަކުވާތަކާއި ކަންބޮޑުވުންތައް ފެންމަތިވި އެވެ.
ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް މައްސަލައެއް ބެލި އެވެ. އެ މައްސަލަ ބެލުމަށްފަހު މިދިޔަ ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފަ އެވެ. ނަމަވެސް މިހާތަނަށް އައިއިރު ވެސް ފްލެޓްތައް ހަވާލުނުކުރާތީ ފްލެޓް ލިބުނު ފަރާތްތަކުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށް، ދޭތެެރެ ދޭތެރެ އިން އިހުތިޖާޖު ވެސް ކުރަމުންނެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ބުނީ ގެދޮރުވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަކަންކަން ހުރުމާ ގުޅިގެން އެ މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ. އެގޮތުން އެ ސްކީމުގެ ވަގުތީ ލިސްޓާއި ރީ-އިވެލުއޭޝަނާ ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް މަސައްކަތް ނިމުނުހާ އަވަހަކަށް އާންމު ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.