Last Updated: May 15, 13:56
Thursday, May 15, 2025
ޚަބަރު

ބޭރު ފައިސާއާ ބެހޭ ބިލެއް، ޑޮލަރު މާރުކުރުމަށް ލުއިތަކެއް

ރިސޯޓުތަކަށް ލިބޭ ޑޮލަރު ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ލުއިދީ ބޭރު ފައިސާއާ ބެހޭ ބިލު ޑްރާފްޓުކޮށް އެ ބިލަށް ހިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފި އެވެ.

"ބޭރު ފައިސާއާ ބެހޭ ބިލު" ގައި ވަނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ދެ ކެޓަގަރީއަށް ބަހައިފަ އެވެ.

ކެޓަގަރީ "އޭ" ގައި ހިމެނެނީ ރިސޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓުތަކާއި ޕްރައިވެޓް އައިލަންޑްތަކާއި ރިޒޯޓް ހޮޓާތަކާއި އެނޫންވެސް އެފަދަ ތަންތަނެވެ. އެ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ލާޒިމުވާނެ އެވެ.

ކެޓަގަރީ "ބީ" ގައި ހިމެނޭ ގެސްޓް ހައުސްތަކުން ނުވަތަ ޓޫރިސްޓް އުޅަނދުތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އެ އަދަދު ބޭންކަކަށް ޖަމާކޮށް މާރުކުރަން ޖެހެ އެވެ.

ނަމަވެސް ރިސޯޓުގައި 24 ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުންނާއި ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އަދި ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ ފަރާތްތަކަށް ޑޮލަރު މާރުކުރަން ނުޖެހޭނެ ކަމަށް ބިލުގެ ޑްރާފްޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އަހަރެއްގެ ތެރޭގައި 20 މިލިއަން އެމެރިކާ ޑޮލަރަށް ވާ އަދަދަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކުން، އެ ލިބޭ ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރަން ޖެހޭނެއެވެ. އެއީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 25 ޕަސެންޓަށްވުރެ ބޮޑު ނުވާ އަދަދެކެވެ.

މި ބިލަކީ ވިޔަފާރިތަކާއި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ ބިލަކަށްވާތީ ވިޔަފާރިތަކުންނާއި އާންމު ރައްޔިތުންގެ ހިޔާލު ހޯދަން ބޭނުންވާ ކަމަށާއި އެހެންކަމުން، މި ބިލަށް ކޮމެންޓް ކުރުމުގެ ފުރުސަތު އަންނަ މަހުގެ އެއް ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަދި ކޮމެންޓްތައް foreignexchange@mma.gov.mv އަށް އީމެއިލް ކުރުމަށް އެދިފައިވެ އެވެ.