ޗެމްޕިއަންސް ލީގުގައި ރޭ ފޭނޫޑްއާ ބައްދަލުކޮށް 3-3 އިން މެންޗެސްޓާ ސިޓީ އެއްވަރުވިއިރު، އާސެނަލުން ސްޕޯޓިން ލިސްބަންގެ މައްޗަށް 5-1 އިން ކުރި ހޯދައިފި އެވެ.
ރޭގެ މެޗަކީ ސިޓީ އަށް މޮޅެއް ނުލިބި ވިދިވިދިގެން ނިންމާލި ހަވަނަ މެޗެވެ. މި ނަތީޖާއާއެކު ސިޓީ މިވަގުތު އޮތީ ލީގު އުސޫލުން ކުރިއަށްދާ ޗެމްޕިއަންސް ލީގުގެ 15 ވަނަ މަގާމުގަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 44 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އާލިން ހާލަންޑް ވަނީ ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު އިލްކާއި ގުންޑޮގާން އާއި ހާލަންޑްގެ ގޯލުތަކުން ސިޓީން ވަނީ ލީޑު ފުޅާކޮށްފަ އެވެ.
ނަމަވެސް މެޗުގެ ފަހު 14 މިނެޓްތެރޭ ޖެހި ތިން ގޯލުން ފޭނޫޑް އިން ވަނީ ނަތީޖާ އެއްވަރުކޮށް ސިޓީ ސިއްސުވާލާފަ އެވެ. ފޭނޫޑްގެ ފުރަތަމަ ގޯލު މެޗުގެ 75 ވަނަ މިނެޓްގައި ހާޖީ މޫސާ ކާމިޔާބުކޮށްދިންއިރު، މެޗުގެ 82 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ސަންޓިއާގޯ ޖިމިނޭޒް ކަމަށްވާއިރު، މެޗުގެ 89 ވަނަ މިނެޓްގައި ފޭނޫޑަށް ނަތީޖާ އެއްވަރުކޮށްދިނީ ޑޭވިޑް ހަންކޯ އެވެ.
ކުރިއަށް ސިޓީ އަށް އޮތީ ޕްރިމިއާ ލީގުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗެވެ. ޗެމްޕިއަންސް ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ޔުވެންޓަސްއާ އެވެ.
އާސެނަލުން ރަށުން ބޭރުގައި ބޮޑު މޮޅެއް ހޯދިއިރު، މި މެޗުގެ 7 ވަނަ މިނެޓްގައި ގެބްރިއަލް މާޓިނެއްލީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 22 ވަނަ މިނެޓްގައި ކައި ހަވެޓްޒް އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ގެބްރިއަލް ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
ދެވަނަ ހާފްގެ ކުރީކޮޅު ގޮންސާލޯ އިނާސިއޯ ސްޕޯޓިން އަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް، މެޗުގެ 65 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބުކާޔޯ ސަކާ ވަނީ އާސެނަލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އާސެނަލްގެ ފަހު ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލިއަންޑްރޯ ޓްރޮސާޑް އެވެ.