Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

ނުހިންގޭ ވަރަށް ކުރިން މަޝްރޫއުތަކުގައި ސޮއިކުރި

މިދިޔަ ސަރުކާރުގައި ދައުލަތުގެ ބަޖެޓުން ނުހިންގޭނެ ވަރަށް މަޝްރޫއު ހިންގަން ސަރުކާރުން ސޮއިކޮށްފައި ހުރި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރުން ސޮއިކޮށްފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ކޮންސްޓްރަކްޝަން މިނިސްޓަރީގައި ހުރި މަޝްރޫއުތަކުގެ އަގު އެކަނި ވެސް 39 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

"މިއީ ދައުލަތުގެ އެއްވެސް ބަޖެޓެއްގެ ތެރެއިން ކުރެވޭނެ އަދަދެއްގެ މަސައްކަތެއް ނޫން. ތިރީސް ނުވަ ބިލިއަން ރުފިޔާ އަޅުގަނޑުމެންނަށް އާމްދަނީގެ ގޮތުގައި ވެސް ނުލިބޭ އަހަރެއްގެ ތެރޭގައި،" މުއްތަލިބް ވިދާޅުވި އެވެ. "އެހެންވީމާ ކިހިނެއްތޯ އަޅުގަނޑުމެން 39 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާނީ؟ މިދިޔަ އަހަރު ވަރަށް ގިނަ މަޝްރޫއުތަކެއް ސޮއިކޮށްފައި ފަށާފައި އެބަހުއްޓޭ، އެއީކީ ދައުލަތެއްގެ ބަޖެޓެއްގެ ތެރެއިން ހަރަދު ކުރެވޭނެ ވަރުގެ އަދަދެއް ނޫނޭ."

އޭނަ ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ދިވެހި ދައުލަތަށް ލިބޭ އާމްދާނީ އާއި ލޯނުތަކުން ލިބޭ ފައިސާއަށް ވެސް ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ.

އަދި ސަރުކާރު ބަދަލުވި ތަންވަޅު އެމްޑީޕީ ސަރޔުކާރުން މި އަހަރަށް ބަޖެޓު ފާސްކޮށްފައި އޮތީ ކޮންމެ މަޝްރޫއުއަކަށް ވެސް ކުޑަ އަދަދެއް ޖަހައިގެން ކަމަށެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ބަޖެޓުގައި އެކަންކަމަށް ވިސްނާފައިވާނެ ކަމަށް ވިދާޅުވި އެވެ.

"އަންނަ އަހަރުގެ ބަޖެޓު އަޅުގަނޑުމެން ހަދާފައި އެއޮތީ މި ދެންނެވި ގޮތަށް އެންވެލޮޕެއްގެ ތެރެއިން މަޝްރޫއު ކުރިއަށް ގެންދެވޭ ގޮތަށް،" މުއްތަލިބް ވިދާޅުވި އެވެ. "އެހެންވީމާ އަޅުގަނޑުމެންނަށް ކުރިއަށް ގެންދަން ފުރުސަތު ލިބޭ ވަރަކަށް ހުރިހާ މަޝްރޫއުއެއް ވެސް ކުރިއަށް ގެންދާ ގޮތަށް."