Last Updated: December 13, 22:19
Friday, December 13, 2024
މުނިފޫހިފިލުވުން

މީނާ ކުމާރީގެ ފިލްމު ވިދިއާއާ އެކު

ކްރިތީ ސެނަން ހިމަނައިގެން ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ ޑައިރެކްޝަނަށް ނުކުންނަން ޕްލޭންކުރި، ކުރީގެ ބަތަލާ މީނާ ކުމާރީގެ ބައޮގްފިކަލް ޑްރާމާ މިހާރު ވިދިއާ ބަލަންއާ އެކީ ޑައިރެކްޓަރު ސިދާތު ޕީ. މަލްއުތުރާ ހަމަޖެހިއްޖެ އެވެ.

މިކަމާ ގުޅޭ ގޮތުން މީނާ ކުމާރީގެ އާއިލާ އިން މީޑިއާތަކާ ވާހަކަ ދެއްކި ތަޖްދާރު އަމްރޯހީ ބުނީ ސިދާތާ އެކީ ފިލްމު ހަދަން ފުރުސަތު ފަހިވުމަކީ ވަރަށް ބޮޑު ހިތްގަމަޖެހުމެއް ކަމަށެވެ. އާއިލާ އިން ބުނެފައި ވަނީ މަނީޝް އަކީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުންނަ މީހަކަށްވެފައި ކްރިތީ ސެނަން ކަހަލަ "ޒަމާނީ" ބަތަލާ އަކު ހިމަނައިގެން މީނާ ކުމާރީގެ ބައޯޕިކަށް އެންމެ ފުރިހަމަ އަށް އިންސާފުކޮށް ދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އެހެންވެ ސިދާތު ކަހަލަ ތަޖުރިބާކާރު ޑައިރެކްޓަރަކު ފިލްމާ ހަވާލުވުމަކީ އާއިލާ އިން އެންމެ ބޭނުންވި ގޮތަށް ކަމަށް ވެސް ތަޖްދާރު ބުންޏެވެ. އަދި މީނާގެ ރޯލު ކުޅޭނީ ވިދިއާތޯ ސުވާލު ކުރުމުން އޭނަ ބުނީ އެ އިހުތިޔާރު ދޫކޮށްލާނީ ޑައިރެކްޓަރަށް ކަމަށެވެ.

"ވިދިއާއާ ބެހޭ ގޮތުން އެއްޗެއް ބުނަންޏާ އަހަންނަށް ބުނެވޭނީ އެއީ ހަމަ ވަރަށް ރަނގަޅު ހޮވުމަކަށް ވެދާނޭ." އޭއާރް ރަހްމާން މިއުޒިކް ހަދަން ހަމަޖެހިފައިވާ ފިލްމާ ބެހޭ ގޮތުން ތަޖްދާރު ބުންޏެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ސިދާތު ބުނީ އޭނަ އަށް ވެސް ވިދިއާ އަކީ ވަރަށް ރަނގަޅު ހޮވުމެއް ކަމަށެވެ. ނަމަވެސް މީނާގެ ހަޔާތުގެ ވަރަށް ޒުވާން ދުވަސްވަރެއް ފިލްމުގެ ފުރަތަމަ ބައިގައި ދައްކަން ޖެހޭތީ ބަތަލާއަކު ހޮވުމުގައި އެކަމަށް ވަރަށް ބޮދަށް ފަރުވާ ބަހައްޓައިގެން ކާސްޓުން ނަގާނެ ކަމަށް ސިދާތު ބުންޏެވެ.

އޭނަ އަކީ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންގެ ފުރަތަމަ ފިލްމު "މަހާރާޖް" މި އަހަރު ގެނެސްދިން ޑައިރެކްޓަރެވެ. ސިދާތަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ރާނީ މުކަރްޖީގެ 2018 ގެ ފިލްމު "ހިޗްކީ" ވެސް ޑައިރެކްޓަރެވެ.

ވަރަށް ޒުވާން އުމުރުގައި ހިތްދަތި ދިރިއުޅުމަކާ ކުރިމަތިލާން ޖެހުނު މީނާ ކުމާރީ އަކީ "ޓްރެޖެޑީ ކްއީން" ގެ ގޮތުގައި ސިފަކުރާ ހިންދީ ސިނަމާގެ ވަރަށް މޮޅު، އެހާމެ ކާމިޔާބު ބަތަލާއެކެވެ. އުމުރުން އެންމެ 38 އަހަރުގައި 1972 ގައި މަރުވި ބަތަލާ ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި "ބައިޖޫ ބަވްރާ"، "ދޯ ބިގާ ޒަމީން"، "ސާހިބު، ބީވީ އޯރް ގުލާމް" އަދި "ޕަކީޒާ" ހިމެނެ އެވެ.