މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 22.9 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
މިފްކޯއިން ބުނީ އޮކްޓޯބަރު 28 އިން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއަށް ކިރި މަހުގެ ޖުމްލަ އަގަކީ 22،922،141ރ. ކަމަށެވެ. ސަރުކާރުން އެ ފައިސާ މަސްވެރިންނަށް މިއަދު ޖަމާކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއަދު ޖަމާކޮށްދިން ފައިސާއާ އެކު މަސްވެރިންނަށް މިހާރު ވަނީ 918 މިލިއަނަށް ވުރެ ގިނަ ރުފިޔާ މި ސަރުކާރުން ޖަމާކޮށް ދީފަ އެވެ. މިހާރު މަސްވެރިންނަށް ނުދައްކާ ހުރީ 30،482،931ރ. ކަމަށް މިފްކޯގެ ހިސާބުތަކުން ދައްކަ އެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު، ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ވައުދު ފުއްދުމުގެ އަމާޒަށް ވާސިލުވުމަށް މިދިޔަ އެއް އަހަރުތެރޭ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.