Last Updated: December 13, 22:19
Friday, December 13, 2024
ޚަބަރު

ހުރިހާ ކަމެއް ސިއްރުކޮށްފި، މަގުމައްޗަށް ނިކުންނަން ތައްޔާރުވޭ

ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒް - ފޮޓޯ: ޑިމޮކްރެޓްސް

ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ހުރިހާ ކަމެއް ސިއްރުކޮށްފައިވާ ކަމަށާއި މިކަންކަމާ ދެކޮޅަށް މަގުމައްޗަށް ނިކުންނަން ރައްޔިތުން ތައްޔާރުވާ ކަމަށް ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސް އިން ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަމުން ޝިފާޒު ވިދާޅުވީ މިއަހަރަށް ފާސްކުރި ބަޖެޓަށް ހެދިގޮތް މި ސަރުކާރުން ބުނެދޭންޖެހޭ ކަމަށާއި ރައްޔިތުން މިއަދު ހަރަދުކުރާ ކޮންމެ 100 ރުފިޔާ އަކުން 30 ރުފިޔާ ސަރުކާރަށް ދެމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި ހުންނަވަން ޖެހޭނީ އެ ފައިސާ އަށް ވީގޮތެއް ބުނެދިނުމަށްފަހު ކަމަށެވެ.

އަންނަ އަހަރަށް ސަރުކާރުން ބޮޑު ބަޖެޓެއް ހުށަހަޅައި މަޖިލީހުން އެ ބަޖެޓް ފާސްކުރިއިރު، އެ ބަޖެޓުގައި ވެސް ބައެއް ކަންކަން ހުރީ ސިއްރުކޮށްފައި ކަމަށާއި މިހާ ހިސާބަށް ކަންކަން ދިޔުމުން ރައްޔިތުން ކަށިމަތި ނާޅަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޝިފާޒު ވިދާޅުވި އެވެ.

"ތައްޔާރުވޭ، ކަށިމަތި އަޅުއްވާ. މަގުމައްޗަށް ނިކުންނަން ޖެހޭނީ. އަޅުގަނޑުމެން މިކަން ކުރީ އަބަދުވެސް މަގުމަތިން، މަގުމަތީގެ ހަރަކާތުން،" ޝިފާޒު ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައުމުގައި ޑިމޮކްރެޓްސް އަކީ މެދުވެރިއެއް ކަމަށް ވެދާނެ ކަމަށާއި ނަމަވެސް ސަރުކާރެއް އެކުލަވާލުމުގެ ކުރިން ދައްކާ ވާހަކަ އާއި މެނިފެސްޓޯއާ އެ ސަރުކާރަކުން ހިލާފުވާނަމަ ނޫނެނޭ ބުނާނެ ހިތްވަރު ޑިމޮކްރެޓްސްގައި ހުންނާނެ ކަމަށްވެސް ޝިފާޒު ވިދާޅުވި އެވެ.