Last Updated: December 13, 22:19
Friday, December 13, 2024
ޚަބަރު

ކޮރަޕްޝަނުގެ ސަބަބުން ވެރިކަން ބަލިކަށިވެގެންދޭ

ހޯމް މިނިސްޓަރު އަލީ އިހުސާން - ފޮޓޯ: ރައީސް އޮފީސް

ކޮރަޕްޝަނުގެ ސަބަބުން ވެރިކަން ބަލިކަށިވެގެންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އެންޓި ކޮރަޕްޝަން ލޯ އެންފޯސްމަންޓު އޭޖެންސީޒް އިން ދަ އޯއައިސީ މެންބަރު ސްޓޭޓްސްގެ ދެވަނަ މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ކޮރަޕްޝަނުގެ ސަބަބުން މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދި، ތަރައްގީއަށް ހުރަސްއެޅުމުގެ އިތުރުން ވެރިކަން ބަލިކަށިވެގެންދާ ކަމަށެވެ. ކޮރަޕްޝަނާ ދެކޮޅަށް ކުރާ ހުރިހާ މަސައްކަތެއްގައި ވެސް ރާއްޖެ ދެމި އޮންނާނެ ކަމަށާއި ދެމެހެއްޓެނިވި ތަރައްޤީ ހޯދުމަށާއި، ރައްޔިތުންގެ ދުޅަހެޔޮކަން ޙިމާޔަތްކުރުމަށްޓަކައި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

"މި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއްކަން އަޅުގަނޑުމެން އެންމެން ޤަބޫލުކުރަން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޤައުމުތަކުގެ މެދުގައި ހަރުދަނާ އެއްބާރުލުމެއް ލިބިގެން ނޫނީ، މިމަސައްކަތް ކާމިޔާބެއް ނުކުރެވޭނެ. އޯއައިސީ އަކީ ކޮރަޕްޝަން ހުއްޓުވުމުގައި ބެސްޓް ޕްރެކްޓިސްތައް ޙިއްސާކުރުމަށް އޮތް ބާރުގަދަ ޕްލެޓްފޯމެއް،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވަނީ މިކަމުގެ ސަބަބުން ސަރަހައްދީ ގުޅުންތައް އުފެދި، މުއައްސަސާތައް ހަރުދަނާކޮށް، ކޮރަޕްޝަން ހުއްޓުވުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އައު އީޖާދުތަކާއި ޓެކްނޮލޮޖީއަކީ މުހިންމު ވަސީލަތެއް ކަމަށްވެސް ވިދާޅުވި އެވެ.

މުސްލިމު ގައުމުތައް އިސްލާމީ އަޤީދާއިން ލާޒިމުކުރާ ގޮތަށް ހާމަކަން ބޮޑު، އަދުލު އިންސާފުވެރިކަމާއި އިތުބާރުގެ މައްޗަށް އުސޫލުތައް ދެމެހެއްޓުމަކީ ވާޖިބެއް ކަމަށާއި އެގޮތުން ހުރިހާ ފަންތިއެއްގައި ވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުން މަތީ ރާއްޖޭން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވެސް އިހުސާން ދެއްވި އެވެ. ނަމަވެސް ޤައުމުތަކުގެ މެދުގައި ހަރުދަނާ ގޮތެއްގައި އެއްބާރުލުން ނުލިބި، މި މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.