ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލުން 2-0 އިން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.
މި މޮޅާ އެކު ލިވަޕޫލުން އޮތީ ޗެމްޕިއަންސް ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެން އެއްވަނައިގަ އެވެ. ރެއާލް އޮތީ ފަސް މެޗުން ލިބުނު 6 ޕޮއިންޓާ އެކު 24 ވަނައިގަ އެވެ. ރެއާލް ވަނީ ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފަ އެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ދެވަނަ ހާފުގައި ލިވަޕޫލުން ދިޔައީ ރެއާލްގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 52 ވަނަ މިނެޓްގައި އަލެކްސިސް މެކް އަލިސްޓާ ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. ނަތީޖާ އެއްވަރުކޮށްލަން މެޗުގެ 61 ވަނަ މިނެޓްގައި ރެއާލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު ކޮއިމްހިން ކެލަހާ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 70 ވަނަ މިނެޓްގައި ލިވަޕޫލަށް ވެސް ޕެނަލްޓީއެއް ލިބިފައިވެ އެވެ. ނަމަވެސް މުހައްމަދު ސަލާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް މެޗުގެ 76 ވަނަ މިނެޓްގައި ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު ކާމިޔާބުކޮށްދީފަ އެވެ. މިއީ ކާޓިސް ޖޯންސް ނަގައިދިން ހުރަހަކުން ރެއާލްގެ އޭރިއާ ތެރޭ ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ގަކްޕޯ ކާމިޔާބުކުރި ގޯލެކެވެ.
ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ޖިރޯނާއާ އެވެ. ރެއާލް ނިކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ.