Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

ހަންކެޑެ އާ ބްރިޖް އަންނަ މަހު ހުޅުވަނީ

އައްޑޫ ހަންކެޑައިގައި ހަދާފައިވާ އާ ބްރިޖް އަންނަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.

އޮފިޝަލު ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ބްރިޖް ހުޅުވަން ތައްޔާރީތައްވަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި ވަކި ތާރީހެއް ފައިނަލް ނުވާ ކަމަށް ބުންޏެވެ. އެކަމަކު ބެލެވޭ ގޮތުން ބްރިޖް އާންމުކޮށް ހުޅުވައިލާނީ އަންނަ މަހުގެ 10 ގެ ފަހުން ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

މި ބްރިޖް އެންމެ ފުރަތަމަ ހުޅުވަން ޕްލޭންކުރީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ޖުލައި މަހުގެ ތެރޭގައި ބްރިޖް ހުޅުވާނެ ކަމަށް ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް ބްރިޖްގެ އެކިއެކި ކުދިކުދި ބައެއް މަސައްކަތްތައް ނުނިމި ދިގުލައިގެން ދިއުމާ ގުޅިގެން އާންމުކޮށް ބްރިޖް ހުޅުވައިލުން ލަސްވެގެން ގޮސްފައި އޮތީ އެވެ.

މި ބްރިޖް އާންމުކޮށް ހުޅުވުން ލަސްވި ނަމަވެސް މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެ އަށް ކުރެއްވި ދަތުރުގެ ތެރޭގައި ރާއްޖެ އަސް ކުރެއްވި ދަތުރުގެ ތެރޭގައި އައްޑު އަށް ވަޑައިގެން ބްރިޖް އިފުތިތާހު ވެސް ކޮށް ދެއްވި އެވެ.

މި ބްރިޖަކީ އައްޑޫ މަގުތައް ހެދުމަށް އިންޑިއާގެ ސަރުކާރުގެ އެހީގައި ކުރިިއަށް ގެންދާ މަޝްރޫއުގެ ތެރެއިން އެ ގައުމުގެ އެފްކޯންސް އިންފްރާސްޓްރަކްޗާ އިން ހަދާފައިވާ ބްރިޖެކެވެ. ބްރިޖްގެ އަމަލީ މަސައްކަތް ފެށީ 2021 ގަ އެވެ.

ހަންކެޑެ އާ ބްރިޖަކީ އިންޓަރަގްރޭޓެޑް ޓޫރިޒަމަށް އެތަން ތަރައްގީ ކުރަން ނިންމާފައިވާތީ އެ ރަށުގެ ބިމަށް ޖާގަ ހޯދުމުގެ ގޮތުން ލިންކް ރޯޑްގެ ތެރެއިން ހަންކެޑެ އާއި ގައުކެނޑިއާ ދެމެދު މިހާރު އޮތް ބަރިޖްގެ ބަދަލުގައި ހެދި ބްރިޖެކެވެ. އަދި އާ ބްރިޖް މިހާރު އޮތީ ގައުކެނޑި އާއި މަރަދޫ ބޮޑުމަގުގެ ކޮޅުން ގުޅޭ ގޮތަށެވެ.

ހަތަރު ލޭން ހިމެނޭ މި ބްރިޖަކީ ގާތްގަނޑަކަށް 1.4 ކިލޯމީޓަރު ދިގު ބްރިޖެކެވެ.