ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ހިއްސާއެއް އެސްޓީއޯއިން ގަނެ ފެނަކަ އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައިފި އެވެ.
އެސްޓީއޯ އިން މިއަދު ބުނީ އެ ކުންފުނީގެ ދަށަށް ފެނަކަ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް މިދިޔަ އާދީއްތަ ދުވަހު ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
މި އެންގުމާއެކު އެ ކުންފުނިން ސަރުކާރަށް ހުށަހެޅި އެކުއިސިޝަން ޕްރޮޕޯސަލްގައި ހިމެނިފައިވާ ކަންކަން ކުރިއަށް ގެންގޮސްފައިވާ މިންވަރަށް ބަލާ، އެސްޓީއޯ އިން ފެނަކައިގެ ހިއްސާ ގަތުމުގެ މަސައްކަތް ހުއްޓާލުމަށް ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
ފެނަކައިގެ ސައްތައިންސައްތަ ހިއްސާ، އެސްޓީއޯ އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އޮގަސްޓު މަހު އެވެ.
ރައީސް އޮފީހުން އޭރު ބުނިގޮތުގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން މި ނިންމެވުން ރައީސް ނިންމެވީ ޔުޓިލިޓީ ސެކްޓާ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު، ފެނަކައިގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށްޓަކާ ކަމަށެވެ.