ބޭންކް އޮފް މޯލްޑިވްސްއިން ޝަރީޢާ ކޮމްޕްލައެންޓް ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު މިއަދު ތައާރަފް ކޮށްފި އެވެ.
ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑަކީ، ކަސްޓަމަރަށް ހިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް އިސްލާމިކް ބޭންކިންގެ އުޖްރާ އުސޫލުން ފަރުމާކޮށްފައިވާ ކާޑެކެވެ. ކްލެސިކް، ގޯލްޑް، ޕްލެޓިނަމް އަދި ސިގްނޭޗަރ ކާޑު ލިބެން ހުންނަ މި ވިސާ ކާޑަކީ ރާއްޖެ އާއި ރާއްޖެއިން ބޭރު މުއާމަލާތްތައް ކުރެވޭ ގޮތަށް އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް އެކުލެވޭ ކާޑެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތައްކުރުމަށް ފަސޭހަކަމާއި އެކު މި ކާޑު ބޭނުންކުރެވޭ އެވެ.
ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް، ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމްގައި ބައިވެރިވެ، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެ އެވެ. ފްލައިޓް ޓިކެޓް، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މަރޗަންޓުންގެ ވައުޗަރ ހޯދުމަށްވެސް ރިވޯޑް ޕޮއިންޓްސް ބޭނުންކުރެވޭނެ އެވެ.
ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ހަސަން ކަލާމް ވިދާޅުވީ ކަސްޓަމަރުންނަށްދޭ އިސްލާމިކް ބޭންކިންގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ތެރެއިން ޝަރުޢީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑު ޕޯރޓްފޯލިއޯއަށް، ވިސާ ކްރެޑިޓް ކާޑު ތައާރަފްކުރުން ވެގެންދިޔުމަކީ ލިބޭ އުފަލެއް ކަމަށެވެ. ބީއެމްއެލްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ވިސާގެ ހިދުމަތްތަކާއި އެއްހަމައެއްގައި އިސްލާމިކް ބޭންކިންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަ އަދި ރައްކާތެރި ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް ކަލާމް ވިދާޅުވި އެވެ.
ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގެ އިސްލާމިކް ބޭންކިންގް ދާއިރާއަށް ތަފާތު، އައު ހިދުމަތްތައް ތައާރަފްކުރަމުންނެވެ. މިގޮތުން ބޭންކުންވަނީ ރާއްޖޭގެ ފުރަތަމަ ޝަރީޢާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑު މި އަހަރު ކުރީކޮޅު ތައާރަފް ކޮށްފަ އެވެ.