Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

އިމިގްރޭޝަންގެ އޮފިސަރުންތަކަކަށް ތުހުމަތުތަކެއް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރޭގައި ބިދޭސީންނާއި ގުޅުން ހުރި ބައެއް ކަންކަން ކޮށް، އެކި މީސްމީހުންގެ އަތުން ނަހަމަ ގޮތުގައި އިމިގްރޭޝަންގެ އޮފިސަރުންތަކެއް ފައިސާ ހޯދަމުން ދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ އެ މައްްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ޔުނިފޯމު އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑައި، ރައްޔިތުންގެ ކުރިމަތީގައި މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އެގޮތުން އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ބިދޭސީންނާ ގުޅުން ހުރި ބައެއް ކަންކަން ކޮށް، އެކި މީސްމީހުންގެ އަތުން ނަހަމަ ގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ މަޢުލޫމާތު ލިބުމުން ފުލުހުން މެދުވެރިކޮށް އެމައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ

އިހުސާން ވިދާޅުވީ އެފަދަ ކަންކަމަކީ ސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލުކުރާނެ ކަންކަމެއް ނޫން ކަމަށެެވެ.

އޭނަ ވިދާޅުވީ އިމިގްރޭޝަންގެ އޮޕިސަރުންތަކަކަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން މައްސަލައިގެ ތަހުގީގަށް މިހާރު އެ މުވައްޒަފުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައި ދިރިއުޅޭ ތަންތަން ބަލައި ފާސް ވެސް ކޮށްފައިވާ ކަމަށެވެ.

"މިމައްސަލައިގެ އިތުރު ތަފްސީލުތައް ތަހުޤީގު ކުރިއަށްދާވަރަކުން ފުލުހުނާއި ކަމާބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުންދާނެ ވާހަކަ ދަންނަވަން.،" އިހުސާން ވިދާޅުވި އެވެ. "އަދި ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެފަ ދަ ކަންކަމުން ބަރީއަވެ ތިބުމަށް އެއްމެހާ ފަރާތްތަކަށް ތަކުރާރުކޮށް ދަންނަވަން."

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން ކުރިއަށް ގެންދާ އޮޕަރޭޝަން ފުޅާކޮށް ކުރިއަށް ގެންދަނީ މާލެ ސަރަހައްދުގަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގެ ފަހުން އަތުލައިގަނެވުނު ބިދޭަސީންގެ ތެރެއިން 5،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ވެސް ކޮށްފައިވެ އެވެ.