ކުރީގެ ރައީސް މުހައްމަދު ނަޝީދު ދުނިޔޭގެ ހެޔޮ ބަދަލަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.
ޑިމޮކްރެޓްސް އިން މިހެން ބުނެފައިވަނީ މި އަހަރުގެ ގްލޯބަލް ސިޓިޒަން އެވޯޑު ނަޝީދަށް ލިބިވަޑައިގަތުމާ ގުޅިގެންނެވެ.
މި އެވޯޑަކީ ހެންލީ އެންޑް ޕާޓްނާސް އާއި އަންޑަން ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ދޭ އެވޯޑެކެވެ. އެ އެވޯޑް ނަޝީދަށް އެރުވީ ސިންގަޕޫރުގައި ކުރިއަށްދާ 18 ވަނަ ގްލޯބަލް ސިޓިޒަންޝިޕްގެ ކޮންފަރެންސްގެ ގާލާ ރިސެޕްޝަންގެ ތެރެއިން އެވެ.
ޑިމޮކްރެޓްސް އިން ނަޝީދަށް މަރުހަބާ ދަންނަވައި ނެރުނު ބަޔާނެއްގައި ބުނީ މި އެވޯޑުން ރަމްޒުކޮށްދެނީ ނަޝީދު ދުނިޔޭގެ ހެޔޮ ބަދަލަށް ފަރުދެއްގެ ހައިސިއްޔަތުން ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު އާދަޔާ ހިލާފު ކަމާއި ބައިނަލްއަގުވާމީ ފެންވަރުގައި އެކަން ބަލައިގަންނަމުންދާ މިންވަރު ކަމަށެވެ.
"އެކަމަށްޓަކާ ދަ ޑިމޮކްރެޓްސް އިން ނުހަނު ފަހުރުވެރިވަމެވެ. އަދި އެމަނިކުފާނުގެ މަސައްކަތްޕުޅަށް އިތުރު ކާމިޔާބީއަށް އެދެމެވެ،" އެ ބަޔާނުގައިވެ އެވެ.
މި އެވޯޑު ނަޝީދަށް ލިބިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، އިންސާނިއްޔަތަށް ކުރައްވާ މަސައްކަތްތަކަށް ކަމަށް އެ އެވޯޑު ދޭ ފަރާތުން ބުނެފައިވެ އެވެ. އަދި އެ މަސައްކަތްތަކުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ނަޝީދު މިހާރު ގެންދަވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަމުންނެވެ.