Last Updated: December 13, 22:19
Friday, December 13, 2024
މުނިފޫހިފިލުވުން

އަޖޭގެ ފިލްމެއްގެ ވިލަންއަކަށް ރިތިކް!

އަޖޭ ދޭވްގަން ބަތަލުގެ ރޯލު ކުޅޭ ފިލްމެއްގެ ވިލަންއެއްގެ ރޯލު ރިތިކް ރޯޝަނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިޑް-ޑޭ އިން ބުނީ މި ފިލްމަކީ އަޖޭ އަށް ދެވަނަ ފަހަރަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު 2020 ގެ ތާރީހީ ހަނގުރާމަ ފިލްމު "ތާނާޖީ: އަންސަންގް ވޮރިއާ" ގެ ދެވަނަ ބައި ކަމަށެވެ. އޯޯމް ރައުތު ޑައިރެކްޓްކުރި އެ ފިލްމުގައި އަޖޭ ކުޅުނީ މަރާޓާގެ ކުރީގެ ވަރުގަދަ ހަނގުރާމަވެރިއެެއް ކަމަށްވާ ތާނާޖީ މަލުސާރޭގެ ރޯލެވެ.

މިޑް-ޑޭ އިން ބުނީ "އަންސަންގް ވޮރިއާ" ގެ ދެވަނަ ބަޔަކަށް މިހާރު ތައްޔާރުވަމުން އަންނަ އިރު، އޯމް ގެންދަނީ ފިލްމަށް ރިސާޗް ހަދައި ސްކްރީންޕްލޭގެ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން މި ފަހަރު ވެސް މި ފިލްމުގެ ވާހަކަ ބިނާކުރާނީ ކުރީގެ ހަނގުރާމަވެރިއަކަށެވެ.

އޯމްގެ އެންމެ ފަހުގެ ފިލްމަކީ ޕްރަބާސްއާ އެކީ 2022 ގައި ގެނެސްދިން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، ފްލޮޕް ބޯޑު އަޅުވަން ޖެހުނު "އާދިޕުރުޝް" އެވެ.

މިޑް-ޑޭ އިން ބުނި ގޮތުގައި "ދި އަންސަންގް ވޮރިއާ" ގެ ދެވަނަ ބައިގެ ވިލަންގެ ރޯލަށް ރިތިކް ގެންނަން ނިންމި ނަމަވެސް އެކަން އަދި ފައިނަލެއް ނުކުރެ އެވެ. އޭނަ މީގެ ކުރިން ވެސް ދެ ފިލްމެއްގައި ވިލަންއެއްގެ ރޯލު ކުޅެފައިވެ އެވެ. އެއީ 2006 ގެ "ދޫމް 2" އާއި 2022 ގެ "ވިކްރަމް ވޭދާ" އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އަޖޭގެ "ތާނާޖީ" ދި އަންސަންގް ވޮރިއާ" ގައި ވިލަންގެ ރޯލު ކުޅުނީ ސައިފް އަލީ ޚާންކަމެވެ.

އަޖޭ އާއި ރިތިކް މިހާތަނަށް އެކީގައި އެއްވެސް ފިލްމަކުން ފެނިފައި ނުވާތީ "އަންސަންގް ވޮރިއާ" ގެ ދެވަނަ ބައި ވާނީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެ ފިލްމަކަށެވެ.

ރިތިކްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ޔާޝްރާގް ފިލްމްސް ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ "ވޯ" ފްރެންޗައިޒްގެ ދެވަނަ ބައެވެ.