މުޅި ރާއްޖެ އަށް ވެސް ވައި ގަދަވާނެތީ މޫސުމާ ބެހޭ އިދާރާ މުޅި ރާއްޖެ އަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.
އެ އެލާޓް ނެރެފައި ވަނީ މެންދުރު ފަހު 12:30 އިން ފެށިގެން އިރުއޮއްސި 6:30 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ގަޑިއަކު 19-24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފައިވެ އެވެ.
އެހެންވެ ވަކިން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވެސް އިލްތިމާސްކޮށްފައިވެ އެވެ.
ފާއިތުވި ދެ ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ގަދަވެގެން ވައިޓް އަދި ޔެލޯ އެލާޓް ވެސް ނެރެފައިވެ އެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނީ ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި، އެންމެ ބޮޑަށް ގަދަވާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ.
އަދި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ބުންޏެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނީ މި ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމާ ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. އެގޮތުން މި ތޫފާނުގެ މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާގެ ޓަމިލް ނާޑޫގެ އައްސޭރިފަށާ ދިމާލަށް ކަމަށާއި، މިހާރު ކުރަމުންދާ ވިއްސާރަ އަކީ އެ ތޫފާނުގެ ނުސީދާ އަސަރުގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށް ބުންޏެވެ.