ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެ ތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިހެން ވިދާޅުވީ އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ، ހުސެއިން ޝާފިއު މާދަމާ ފުލުހަށް ހާޒިރުވާން އެންގުމާ ގުޅިގެން އެކަމަށް ފާޑު ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ. އެގޮތުން ފައްޔާޒު ވަނީ ސަރުކާރާއި މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުން ބޮޑު ކުށަކަށް މިއަދު ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ފައްޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިހުސާން ވިދާޅުވީ ޝާފިއުގެ ޕޯސްޓުގައި "މަށަށް ކަލޭ މަގެއްމަތިން ނުފެންނާތި!"، މިހެން ލިޔެފައި އޮތުމުން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އޮތުމުން މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މާދަމާ މީހަކު މިފަދަ އިބާރާތެއް ފައްޔާޒަށް ނިސްބަތްކޮށް ނުވަތަ ދޭހަވާގޮތަށް ބުނެފިނަމަ އެއީ ޙިޔާލު ފާޅުކުރީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ އާއި އަދި އެހެން ތިއްބާ ފައްޔާޒު މަގެއްމަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ ނުވަތަ މިއީތޯ ފައްޔާޒުގެ ޒަޢާމަތެއްގައި މިގައުމުގައި ކަންކަން އޮންނާނެ ގޮތަކީ މިއީތޯ އިހުސާން ސުވާލުކުރެއްވި އެވެ.
"ޔަގީނުންވެސް މިސަރުކާރުގައި އެއްވެސް ބޭފުޅެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ. ހަމައެއާއެކު ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެ ތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފަ،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވަނީ ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޢައިރު ޒިންމާދާރު ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.