Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

ރައްޔިތުންގެ އަނގަމަތީގައި މަލަން އަޅައި ބަންދުނުކުރެވޭނެ

ރައްޔިތުންގެ އަނގަމަތީގައި މަލަން އަޅައި ބަންދުނުކުރެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ، ހުސެއިން ޝާފިއު މާދަމާ ފުލުހަށް ހާޒިރުވާން އެންގުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޝާހިދު ވިދާޅުވީ ސޯޝަލް މީޑިޔާގައި ފާޅުކުރި ޝުޢޫރަކާއި ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވާން ޝާފިއު އަށް ޗިޓު ފޮނުވާފައިވާއިރު، ގައްދޫ ކައުންސިލް ރައީސް މުހަންމަދު އަހުމަދު ވަޓްސްއަޕް ގްރޫޕެއްގައި ފާޅުކުރެއްވި ޝުޢޫރަކާއި ގުޅިގެން ކައުންސިލުން އޭނާ އަށް ފިޔަވަޅުއަޅަން އެލްޖީއޭ އިން އަންގާފައިވާ ކަމަށެވެ.

މި ކަންކަމުން މި ސަރުކާރުގެ އަނިޔާވެރިކަމާއި، ޚުދުމުހުތާރުކަން އިންތިހާއަށް ގޮސްފައިވާކަން ފެންނަމުންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ބިރުދައްކަން ތަޙްޤީގަށް ގެންދިޔުމުގެ ސަގާފަތް އަލުން ފެށިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންގެ އަނގަމަތީގައި މަލަންއަޅައި ބަންދެއް ނުކުރެވޭނެ. ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރުމުގައި އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ،" ޝާހިދު ވިދާޅުވި އެވެ.

ފުލުހުން ޝާފިއު އަށް ފޮނުވި ޗިޓުގައި ބުނީ އޭނާއާ ދެކޮޅަށް ބަލަމުން އަންނަނީ ނޮވެމްބަރު 8، ގައި ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭ ގޮތަށް "އެކްސް" ގައި ޝާފިއު ކުރި ޕޯސްޓެއްގެ މައްސަލަ ކަމަށެވެ.

ޝާފިއު އަކީ އެމްޑީޕީގެ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި އެކްޓިވިސްޓެކެވެ.