Last Updated: December 13, 22:19
Friday, December 13, 2024
ޚަބަރު

ރިޓަޔާކުރާ މީހުންނަށް ދޭ އެލަވަންސް ކަނޑާލަނީ

ފިނޭންސް މިނިސްޓްރީ / ފޮޓޯ: އަވަސް

ސަރުކާރުގެ ބައެއް އިދާރާތަކުން ހިންގާ ރިޓަޔަމަންޓް ސްކީމްގެ ތެރެއިން، ވަޒީފާއިން އަލަށް ރިޓަޔާވާ މީހުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސް ނުދޭގޮތަށް ނިންމައިފި އެވެ.

ނެޝަނަލް ޕޭ ކޮމިޝަންގެ ރައީސް އަދި މާލީ ވަޒީރު މޫސާ ޒަމީރު، ސަރުކާރުގެ އިދާރާތަކަށް ފޮނުއްވި ސިޓީއެއްގައި ވަނީ މިފަދައިން ނިންމާފައި ވަނީ، ސަރުކާރުގެ ރިފޯމް އެޖްންޑާގައި ދައުލަތުގެ ހަރަަދު ކުޑަ ކުރަން އަޅަން ނިންމާފައިވާ ފިޔަވަޅެއްގެ ގޮތުން ކަމަށް ވިދާޅުވެފަ އެވެ.

އެފަދައިން އަމަލުކުރަން ފަށާނީ އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެންނެވެ. އެގޮތުން، މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އަލަށް ރިޓަޔާ ކުރާ މުވައްޒަފުންނަށް އެ އެލަވަންސް ދޭން ވަނީ ނިންމާފަ އެވެ.

މަހުން މަހަށް ދޭ އެލަވަންސް ނުދޭން ނިންމާފައިވިޔަސް، ރިޓަޔާ ކުރާއިރު އެއް ފަހަރާ ދޭން ކަނޑައަޅާފައި އޮންނަ ފައިސާ، ކުރިއެކޭވެސް އެއްގޮތަށް ދޭނެ އެވެ.

ސަރުކާރުގެ އިދާރާތަކަށް ފޮނުއްވި ސިޓީގައި، ރިޓަޔަމަންޓް ސްކީމް ހިންގާ ސަރުކާރުގެ އިދާރާތަކުގެ ރިޓަޔަމަންޓް ގަވައިދު، އައު އުސޫލު ހިމަނައިގެން އިސްލާހުކޮށް، ޑިސެމްބަރުގެ 15 ވަނަ ދުވަހުގެ ކުރިން މާލީ ވުޒާރާއަށް ހުށަހަޅައި، ގެޒެޓް ކުރަން ވަނީ އެދިފަ އެވެ.