Last Updated: June 28, 06:07
Sunday, June 28, 2026

ސިޔާސީ ބޭނުމަށް ޕެރަމަޑިކް އެމްބިއުލަންސް ފޭދޫއަށް! ނަތީޖާ ގޯސް!

ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޕެރަމަޑިކް އެމްބިއުލެންސެއް ލިބުނު ވާހަކަ މީޑިއާގައި ފެތުރުމާއި އެކު ހިތް ހަމަޖެހުމެއް ލިބުނެވެ. އާބާދީ ބޮޑު އައްޑޫއަށް އެފަދަ އެމްބިއުލެންސެއްގެ ބޭނުން ބޮޑުވެފައި ވަނިކޮށް އެފަދަ ވަސީލަތެއް ސަރުކާރުން ފޯރުކޮށް ދިނީމައެވެ.

އެމްބިއުލެންސް ހަވާލު ކުރުމުގެ ހަފްލާ ސިޔާސީ ގޮތަކަށް ދިޔަ ނަމަވެސް އެމްބިއުލެންސްގެ ބޭނުން "ސިޔާސީ" ވެދާނެ ކަމަކަށް ގަބޫލެއް ނުކުރަމެވެ. ނަމަވެސް މިއަދު މިކަން ވެސް މިވަނީ ސިޔާސީ ވެފައެވެ.

ސަރުކާރުން އައްޑޫއަށް ޕެރަމަޑިކް އެމްބިއުލެންސެއް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޭދޫ ދާއިރާގެ މަޖްލިސް މެމްބަރު އިބްރާހިމް ދީދީ ވަޑައިގެން އިންނެވުމަކީ ކުރިއެރުމެކެވެ. އެއީ މައްސަލައެއް ނޫނެވެ. އަދި އިބްރާހިމް ދީދީގެ ނުފޫޒުން އެ އެމްބިއުލެންސް ފޭދޫ ސިއްހީ މަރުކަޒަށް ގެންދިއުމަކީ ވެސް މައްސަލައެއް ނޫނެވެ.

ނަމަވެސް އެމްބިއުލެންސް ފޭދޫ ސިއްހީ މަރުކަޒަށް ގެންދިއުމުގެ ކުރިން ކަމާއި ބެހޭ ފަރާތްތަކުން ވިސްނަން ޖެހޭ ގިނަ ކަންކަން ހުރި ކަމަށް ގަބޫލް ކުރެވެއެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދަން ޖެހޭ ބަލި މީހަކު އުފުލުމަށް ފޭދޫ ސިއްހީ މަރުކަޒަށް ގުޅައިގެން އެތަނުގެ ނަރުހުން ގޮވައިގެން ދަތުރު ކުރެވޭނެ ގާބިލްކަން ފޭދޫ ސިއްހީ މަރުކަޒުގައި ގާއިމްވެފައި ވޭ ބާވައެވެ؟

ހުޅުމީދޫން ގެންނަ ބަލި މީހާ ގޮވައިގެން ފޭދޫ ސިއްހީ މަރުކަޒުގައި ބާއްވާފައިވާ ޕެރަމެޑިކް އެމްބިއުލެންސް ނަރުހަކު ނެތިގެން ދަތުރު ނުކުރެވެއެވެ. އެމެޖެންސީގައި ގެންނަ ބަލި މީހާ ފޭދޫ ބަނދަރުގައި ގަޑި ދެގަޑި އިރު އޮންނަ އިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ޖެހެނީ ފޭދޫ އަށް ނަރުހުން އެހެން އެމްބިއުލެންސެއްގައި ފޮނުވާށެވެ.

ރޭގަނޑު ދަންވަރަކަށް ވެއްޖިއްޔާ ހޮސްޕިޓަލްގެ މެނޭޖަރާއި، ހުޅުމީދޫ ސިއްހީ މަރުކަޒުގެ ވެރިންނާއި، ފޭދޫ ސިއްހީ މަރުކަޒުގެ ވެރިން މިޖެހެނީ އެކިތަންތަނަށް ގުޅައިގެން މީހުން ހަމަކޮށް އެމްބިއުލެންސްއަށް ދަތުރު ކުރެވޭނެ ގޮތް ހަދާށެވެ.

އެމްބިއުލެންސަށް އޮތް ތަނުން ހިރި ލެވެނީވެސް ބަލިމީހާއަށް ވާނެ އެއްޗެއް ވާ ފަހުންނެވެ. ޕެރަމެޑިކް އެމްބިއުލެންސްގެ ބޭނުން މިހާރު އިންތިޒާމް ހަމަޖެހިފައިވާ ގޮތުން އެންމެ އެކަށީގެންވާ ގޮތުގައި ލިބޭނެ ކަމަށް ގަބޫލް ނުކުރެވެއެވެ.

އޭގެ މިސާލަކީ އިއްޔެ ރޭ ދަންވަރު ހާލު ބޮޑުވި ކުޑަކުއްޖަކު ފޭދޫ ބަނދަރުގައި ގަޑިއެއްްހާ އިރު އެމްބިއުލެންސްގެ ކަންކަން ހަމަ ނުޖެހި ބާއްވަން ޖެހުމެވެ. ކުރީ ބައި އަންގައިގެންވެސް ދަތުރު ހަމަ ނުޖެހުމެވެ. ފޭދޫ ސިއްހީ މަރުކަޒުގައި އެމްބިއުލެންސްގައި ދާނެ ނަރުހަކު ނެތެވެ. އެފަދަ ކަމަކަށް ސިއްހީ މަރުކަޒު ތައްޔާރެއް ނޫނެވެ.

މިފަދަ ކަންކަމުގައި ޒިއްމާދާރު ނިންމުން ދާއިރާގެ ވެރިން ނިންމަން ޖެހެއެވެ. އެމްބިއުލެންސްގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފޭނެ ތަނެއްގައި ބޭއްވުން މުހިއްމެވެ. ނޫން ނަމަ އޭގެ މަންފާއެއް ނެތެވެ. މިކަމާއި ކަމާއި ބެހޭ ފަރާތްތަކުން ވިސްނަވާށެވެ.

ރައްޔިތުންގެ ލާބައާއި މަންފާއަށް އައްޑޫއަށް ފޮނުވުނު ޕެރަމެޑިކް އެމްބިއުލާންސްގައި ހިދުމަތް ދޭނެ ގޮތުގެ ތަމްރީން ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެ އެމްބިއުލާންސާ ގުޅުން ހުރި މަސައްކަތް ކުރާ ފަރާތްތަކަށް ދިނުމަކީ މުހިއްމު ކަމެއް ކަމަށް ފޭދޫ ސިއްޙީ މަރުކަޒުގެ އިސްވެރިން މީގެ ކުރިން ވިދާޅުވެފައިވާއިރު އެ ތަމްރީން ތަކުގެ ވާހަކަވެސް އޮތީ ހަމައެކަނީ ކަރުދާހުގައި ލިޔެވިފައެވެ.

މައްސަލައަކީ ފޭދޫގައި އެމްބިއުލާންސް ބޭއްވުމެއް ވެސް ނޫނެވެ. މައްސަލައަކީ އެކަށީގެންވާ ޚިދުމަތް ދެވޭނެ އިންތިޒާމްތަކެއް ހަމަޖެހިފައި ނެތި ވަކި ތަނެއްގައި އެމްބިއުލާންސް ބޭއްވުމެވެ. އިއްޔެ ރޭ ހަމަގައިމުވެސް ދައުލަތުގެ ބަޖެޓުން މުސާރަ ދީފައި ހުރި ފޭދޫ ސިއްޙީ މަރުކަޒުގެ ނަރުސް މީހާގެ ޚަބަރެއް ނުވުމުން، އަނެއްކާ ވެސް ހިތަދޫ އިން ފޭދޫއަށް ނަރުހަކު ގެންދިއުމަކީ ހަމަ ރައްޔިތުންގެ ފައިސާއިން ވެވޭ އިސްރާފެއް ނޫންތޯއެވެ.