Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ސަރުކާރަށް ފާޑުކިޔުން ކުށަކަށް ހަދަން އުޅޭތީ ކަންބޮޑުވޭ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ؛ އެމްޑީޕީ

ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރުމަކީ ކުށެއްގެ ގޮތުގައި ހަދަން އުޅޭތީ ކަންބޮޑުވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސޯލިހު މިހެން ވިދާޅުވީ އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ، ހުސެއިން ޝާފިއު މާދަމާ ފުލުހަށް ހާޒިރުވާން އެންގުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ސޯލިހު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަށް ފުލުހަށް ހާޒިރުކުރުމާއި ކައުންސިލްތަކަށް އިންޒާރުގެ ސިޓީ ފޮނުވުމަކީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

"ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަކީ ކުށެއްގެ ގޮތުގައި ހަދައި އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަކުރަން ސަރުކާރުން މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް،" ސޯލިހު ވިދާޅުވި އެވެ.

ފުލުހުން ޝާފިއު އަށް ފޮނުވި ޗިޓުގައި ބުނީ އޭނާއާ ދެކޮޅަށް ބަލަމުން އަންނަނީ ނޮވެމްބަރު 8، ގައި ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭ ގޮތަށް "އެކްސް" ގައި ޝާފިއު ކުރި ޕޯސްޓެއްގެ މައްސަލަ ކަމަށެވެ.

ޝާފިއު އަކީ އެމްޑީޕީގެ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި އެކްޓިވިސްޓެކެވެ.