Last Updated: May 15, 06:48
Thursday, May 15, 2025
ޚަބަރު

ސަރުކާރުން އުޅެނީ ރައްޔިތުންނާ ތޮޅެން: ނިޒާރު

ލާމަރުކަޒީ ގާނޫނު ފުޑާލަން އުޅޭ ކަމަށާއި އެ ގާނޫނާއި ހަމަ އާއި އުސޫލުން ބޭރުން އަންގާ އެންގުންތަކަށް އައްޑޫ ސިޓީ ކައުންސިލުން އަމަލު ނުކުރާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ރައްދުކޮށް މޭޔަރު އެގޮތަށް ވިދާޅުވީ އައްޑޫ ހަންކެޑައިގެ އާ ބްރިޖް އެޅުމަށްޓަކަށް ވަގުތީ ބޭނުން ކުރަން ހެދި މަގު ސަރަހައްދުގެ ވެލި، އަބުރާ ނެގުމަށް ފަހު ރައްޔިތުންގެ ބޭނުންތަކަށް އެވެލި ބޭނުން ކުރުމަށް ކައުންސިލުން މަސައްކަތް ކުރަމުން ދަނިކޮށް ކުރިން އެއްވެސް މަޝްވަރާ ކުރުމެއް ނެތި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެންޖިނިއަރުން ލައްވާ ސޮއި ކުރުވައި އެ ވެލި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން ނިންމި ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށެވެ.

"އެ އެންގެވުމަކީ ދައުލަތް ހިންގަން ހެދިފަ ހުރި ގާނޫނުތަކާއި ފުށުއަރާ ޖާހިލު ނިންމުމެއް. ރައްޔިތުންނާ "ތޮޅެން" މަގުފަހި ކުރަން ހިންގާ އަމަލެއް،" ނިޒާރު ވިދާޅުވި އެވެ. "ލާމަރުކަޒީ ގާނޫނު ފުޑާލަން އިތުރު ކުރި ބޮޅެއް. ގާނޫނާއި ހަމަ އާއި އުސޫލުން ބޭރުން އަންގާ އެންގުންތަކަށް އައްޑޫ ސިޓީ ކައުންސިލްއިން އަމަލު ނުކުރާނެ ކަން މައުލޫމާތައް ޓަކައި ދަންނަވަން."

އޭނަ ވިދާޅުވީ ކަންކަން ނިންމުމުގައި މަޝްވަރާ އިސްކޮށް ދައުލަތް ހިންގުމުގެ ޒަމާނީ ހަމަތަކަށް ފަރިތަވުވުމަށް ދަންނަވާ ކަމަށެވެ.

މޭޔަރުގެ މި ވާހަތަކާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރޔ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މިނިސްޓްރީގެ ހުއްދަ ނެތި އެވެލި ބޭނުން ނުކުރުމަށް އެދުނީ އައްޑޫގެ ލިންކު ރޯޑު އަލުން ހެދުމުގައި ގިނަ ޢަދަދަކަށް ވެލި ބޭނުން ވެދާނެ ކަމަށް ފެންނާތީ އާއި އައްޑު އަކީ ފަސޭހައިން ވެލި ނެގެން އޮތް ތަނަކަށް ނުވާތީ ކަމަށެވެ.

"މި ވަގުތު އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމަށްވުރެ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެވެލި ބޭނުން ކުރަން ޖެހޭ އެހެން މުހިއްމު ކަމެއް ވާނަމަ ކައުންސިލުން އެދުމުން އެވެލި ދޫކުރުމަށް މިނިސްޓްރީ އިން ދެކޮޅެއް ނުހަދާނެ." އޭނަ ވިދާޅުވި އެވެ.