އިންޑިއާގެ ޒުވާން ޓީވީ ބަތަލާ ރީމް ޝައިހް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މިހާތަނަށް ވަރަށް ގިނަ ޓީވީ ސިލްސިލާތަކުގެ އިތުރުން ވެބް ސީރީޒްތަކާއި ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ 22 އަހަރުގެ ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އޯގާ އާޓް ރިސޯޓްގަ އެވެ.
ރީމް އެންމެ ފަހުން ފެނިފައިވާ ސިލްސިލާ އަކީ ކަލާސް ޓީވީން މިދިޔަ އަހަރު ގެނެސްދިން ސުޕަނެޗްރަލް ސިލްސިލާ "ތެރެ އިޝްގްމޭ ގާޔަލް" އިންނެވެ. އޭނަ ކުޅެފައިވާ އިތުރު ސިލްސިލާތަކުގެ ތެރޭގައި "ފަނާ: އިޝްގް މޭ މަރުޖާވާ"، "ތުޖްސޭ ހޭ ރާބްތާ"، "ތޫ އާޝިގީ" އަދި "ދިޔާ އޯރް ބާތީ ހަމް" ހިމެނެ އެވެ.
ރީމް އަކީ ނޯބެލް އިނާމު ހާސިލުކޮށްފައިވާ ޕާކިސްތާނަށް ނިސްބަތްވާ އެކްޓިވިސްޓް މަލާލާ ޔޫސުފަށް ބިނާކޮށް 2020 ގައި ގެނެސްދިން ބައޮގްރަފިކަލް ޑްރާމާ "ގުލް މަކާއީ" ގައި މަލާލާގެ ރޯލު ކުޅުނު ބަތަލާ އެވެ.
އޭނަ ފެނިފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި 2021 ގެ "ޓިއުޒްޑޭސް އެންޑް ފްރައިޑޭސް" އަދި 2016 ގެ "ވަޒީރު" ހިމެނެ އެވެ.
މެދުކެނޑުމަކަށް ފަހު އިންޑިއާގެ ވަރަށް ގިނަ ސެލެބްރިޓީން މިހާރު ރާއްޖެ އަށް ޗުއްޓީ އަށް އަންނަ އިރު، އެ ގައުމު މިހާރު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގަ 6 ވަނައިގަ އެވެ. މި އަހަރުގެ މިހާތަނަށް އިންޑިއާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 110،000 އަށް ވުރެ ގިނަ އެވެ.