Last Updated: July 15, 14:06
Wednesday, July 15, 2026
ދުނިޔެ

މެލޭޝިއާ އާއި ތައިލޭންޑްގައި ފެންބޮޑުވެ 12 މަރު

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މެލޭޝިއާ އާއި އަވައްޓެރި ތައިލޭންޑްގައި ފެންބޮޑުވެ 12 މީހަކު މަރުވެ، ހާލުގައި ޖެހުނު އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންގޮސްފި އެވެ.

މީޑިއާތަކުން ބުނީ ވިއްސާރައިގެ މެލޭޝިއާގެ އުތުރުގެ ސަރަހައްދުން 122،000 މީހުން ރައްކާތެރި ހިސާބުތަކަށް ގޮސްފައިވާ އިރު، ތައިލޭންޑްގެ ދެކުނުން 13،000 މީހުން ވެސް ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށެވެ.

ދެ ގައުމަށް ވެސް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ ކަމާބެހޭ އިދާރާތަކުން އަންނަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ކަމާބެެހޭ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ބުނީ މި ވިއްސާރައިގައި މެލޭޝިއާ އާއި ތައިލޭންޑުން ވެސް މަރުވާ މީހުންނާއި ހާލުގައި ޖެހޭ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މެލޭޝިއާގައި 2021 ގައި ވެސް ފެންބޮޑުވެ، 14 މީހަކު މަރުވެފައިވާ އިރު، މިހާރު ކުރަމުންދާ މިދާ ވިއްސާރަ އަކީ 2014 ގެ ފަހުން ކުރިމަތިވި އެންމެ ބޮޑު ގެއްލުން ބޮޑު ވިއްސާރަ އެވެ. ވިއްސާރައިގައި އެންމެ ފަހުން ތައިލޭންޑުން ގިނަ ބަޔަކު މަރުވީ 2011 ގަ އެވެ. އެ އަހަރު ކުރި ވިއްސާރައިގައި ފެންބޮޑުވެ 500 އެއްހާ މީހުން މަރުވެ، އެތައް ބަޔަކު ހާލުގައި ޖެހުނެވެ.