Last Updated: May 12, 22:01
Monday, May 12, 2025
ޚަބަރު

އެންސްޕާ އިން ހުށަހެޅި މައްސަލަ އޭސީސީން ބަލަން ފަށައިފި

ތުހުމަތުތަކަކާ ގުޅިގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބަލައިދޭން އެދި ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ބަލަން ފަށައިފި އެވެ.

މިކަން އޭސީސީން ކަށަވަރުކޮށް ދިން ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

ބައެއް ފަރާތްތަކުން ވަނީ ދާދި ފަހުން ލޯންޗްކުރި އެމްއެމް ޓީވީ ހިންގަމުން އންނަ އެންސްޕާގެ ފައިސާ އިން ކުއްޔަށް ނަގާފައިވާ ތަނެއްގައި ކަމަށާއި އެތަނަށް ކުލި ދައްކަނީ ވެސް އެންސްޕާ އިން ކަމަށް ބުނެ ތުހުމަތުކޮށްފަ އެވެ

އަދި އެ ޗެނަލަށް އެންސްޕާ އިން 34 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އޭސީސީއަށް ފޮނުއްވި ސިޓީއެއްގައި އެ އެޖެންސީ ހިންގަން އިމާރާތް ހޯދަން ކުރި މުއާމަލާތަކީ ފިނޭންސް މިނިސްޓްރީ އާއި އެ އެޖެންސީއާ ދެމެދު ގަވައިދާ އެއްގޮތަށް ހިންގި މުއާމަލާތެއް ކަމަށެެވެ. އަދި އެކަމުގައި އިތުރު އެހެން ފަރާތެއް ބައިވެރިނުވާ ކަމަށް ބުނެފައިވެ އެވެ.

އެހެންވެ އެ މައްސަލައިގައި ޝައްކު އުފެދޭ ގޮތަށް މައުލޫމާތު ފަތުރަމުންދާތީ، ފުރިހަމަ، މިނިވަން ތަހްގީގެއް ވީ އެންމެ އަވަހަކަށް ހިންގައި، ރައްޔިތުންނަށް ހާމަކޮށް ދޭން އެންސްޕާ އިން އެދިފައިވެ އެވެ. އަދި އެކަމާ ގުޅޭ ރިޕޯޓު ވީ އެންމެ އަވަހަކަށް އެ އޭޖެންސީއާ ހިއްސާކޮށް ދޭން ވެސް އޭސީސީގައި އެދިފައިވެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރު ޕްރޮމޯޓް ކުރަން ފެި އެމްއެމް ޓީވީ ހިންގަނީ މޯލްޑީވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓަޑްގެ ދަށުން އަބްދުﷲ ޒާހިރު ކިޔާ ހއ. ވަށަފަރު މީހެއްގެ ނަމުގަ އެވެ. އޭނަ އަކީ ރައީސް މުއިއްޒުގެ ގެކޮޅު ދިމްޔާތުގައި މަސައްކަތްކުރާ މީހެކެވެ. އަދި އެމްއެމްޓީވީ އަކީ މީޑިއާގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ހަލީލްގެ އެހީތެރިކަމާ އެކީ އުފެއްދި ޗެނަލެކެވެ.