ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގދ. ތިނަދުއަށް ސިޓީގެ ދަރަޖަދިން އިރު، ސިޓީގެ ދަރަޖަ ދޭއިރު ހަމަވާން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ 10،000 މީހުން ހަމަނުވާ ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހަށް މައްސަލަ ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.
އެ މައްސަލަ މަިޖިލީހަށް ހުށަހަޅާފައިވާކަން ހާމަކޮށް ފޭސްބުކް ޕޯސްޓެއްގަައި ސައުދު ވިދާޅުވެފައި ވަނީ، ގާނޫނުގައި ސިޓީގެ ދަރަޖަ ދެވޭ ރަށެއްގެ ރަޖިސްޓްރީ އާބާދީގައި މަދުވެގެން 10،000 މީހުން ހަމަވަންޖެހޭ ކަމަށް ލާޒިމް ކޮށްފައިވާ އިރު، ތިނަދޫގެ އާބާދީ އެ އަދަދަށް ނާރާ ކަމަށް ތުހުމަތު ކުރާ މައްސަލަ ބަލައިދޭން އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީ ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެސިޓީގައި މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުން ނުވަތަ ކޮމިޓީޓަކުން އެ މައްސަލަ ބަލައިދިނުމަށް އެދިފައިވާނެ ކަމަށްވެސް ސައުދު ވިދާޅުވެފައިވެއެ ވެ.
ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނާ ހިލާފު އެތައް ކަމެއް ހިންގި ކަމަށް ތުހުމަތުކޮށް، ތިނަދޫ ދެކުނު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން އެދެމުންދާ ކަމަށްވެސް ސައުދު ވިދާޅުވި އެވެ.
ތިނަދޫ ރަށު ކައުންސިލަށް އިންތިހާބުވި ރައީސް އަދި މޭޔަރު ކަމުގައި ހުންނެވި ސައުދު އަލީއަށް ގިނަ ތުހުމަތުތަކެއް ކޮށް، އެހާވަރަކުން ސިޓީގެ ދަރަޖަ ހޯދީ ބޮޑު ބްލޮކް ގްރާންޓެއް ހޯދައިގެން ވަކި ބަޔަކަށް ވަޒީފާ ދޭން ކަމަށްވެސް އެ ސީޓީގައި ބުނެފައިވެ އެވެ.