Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

މޭޔަރާއި ޑީސީޕީ ބައްދަލުކުރައްވައިފި

މޭޔަރު އަބްދުﷲ ސޯދިގް މިދިޔަ ޑިސެމްބަރު މަހު މަޖިލީހުގެ ބަޖެޓް ކޮމިޓީގައި. ފޮޓޯ/ މަޖިލިސް އިދާރާ

އައްޑޫ ސިޓީގައި އަމާން ރައްކާތެރި ވެއްޓެއް ޤާއިމްކޮށް ރައްޔިތުންނަށް ހިތްހަމަޖެހުމާއި އަމާންކަމާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށް ދިނުމުގެ މަޤުސަދުގައި “އަފިރިންގެ އަމާން އައްޑޫ ސިޓީ” ގެ ނަމުގައި މިއަދު ފެށި ޚާއްސަ އޮޕަރޭޝަން ފެށުމުގެ ކުރިން އެ އޮޕަރޭޝަނާއި ގުޅޭ ގޮތުން މަޢުލޫމާތު ބަދަލު ކުރުމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ޑީސީޕީ) ޙުސައިން ވަހީދު މިއަދު ބައްދަލުކުރައްވައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި މިއަދު އޮތް މި ބައްދަލުކޮށްލެއްވުމުގައި މޯލްޑިވްސް ޕޮލިސް ސަވިސްގެ ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާރޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ޝަމީމްއާއި އައްޑޫ ސިޓީގެ އެޓޯލް ކޮމާންޑަރ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަސަން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދު ދެއްކެވި ވާހަކަފުޅުގައި އައްޑޫ ސިޓީގައި ހިނގާ ބޮޑެތި ކުށްތައް ހުއްޓުވައި ރައްޔިތުންނަށް އަމާން ވެއްޓެއް ހޯދައިދިނުމަށް ކައުންސިލާއި ފުލުހުން ގުޅިގެން އެ ސިޓީގައި މިއަދު ފެށޭ އޮޕަރޭޝަން ކާމިޔާބު ކުރުމަށް ކައުންސިލުން ކޮށްދެވެން ހުރި މަސައްކަތްތައް ކޮށްދެއްވުމަށް އެދި ވަޑައިގެންނެވި އެވެ.
އަދި ކުށްކުށަށް އަރައިގަ ންނަ ޒުވާނުންނަށް އެ ފުރުޞަތު ނުދިނުމަށްޓަކައި އެފަދަ ޒުވާނުން މުޖުތަމަޢަށް ފައިދާ ހުރި އެކި ކަންކަމުގައި ބައިވެރިކޮށްގެން ގެންދިއުމަކީ ދުރު މުސްތަޤުބަލަށް އެއިގެ ފައިދާ ކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ އައްޑޫ ސިޓީއަކީ ރާއްޖޭގެ ދެވަނަ އަށް އޮތް ސިޓީ އަށް ވެފައި މި ސިޓީގައި ހިނގާ ކުށްތައް މަދު ކުރުމަށް ފުލުހުންނާއި ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށެވެ.
އަދި މި އޮޕަރޭޝަން ކުރިއަށްދާއިރު ދަންވަރު ވަގުތުތަކުގައި މަގުމަތީގައި އުޅޭ ސްކޫލް ކުދިންގެ މަޢުލޫމާތު އެއްކޮށް އެ މަޢުލޫމާތު ފޯރުކޮށް ދިނުމަށް އެދިވަޑައިގެންނެވި އެވެ.

އައްޑޫގައި މިއަދު ފެށި މި އޮޕަރޭޝަނާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އައްޑޫ ސިޓީ ކައުންސިލާއި އަދި އައްޑޫ ސިޓީގެ އަވަށު އިދާރާތަކުގެ މެމްބަރުންނާއި މި އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުންގެ އިސް ކޮމާންޑަރުން ވެސް މީގެ ކުރިން ވަނީ ބައްދަލުކޮށް އޮޕަރޭޝަނާ ގުޅޭ މަޝްވަރާތައް ބާއްވައިފަ އެވެ.