ރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް، އަންނަ ފަތުރުވެރިންގެ ތެރެއިން ޗައިނާގެ ޓޫރިސްޓުންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ފަށައިފި އެވެ.
ހުކުރު ދުވަހު ފެށި މި ހަރަކާތަކީ ޗައިނާގެ ޓޫރިސްޓުންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި ފުލުހުންގެ ޚިދުމަތުގެ ޓުއަރިސްޓް ޕޮލިހުން އިސް ނަގައިގެން ޓޫރިޒަމް މިނިސްޓްރީ އާއޗައިނާ އެމްބަސީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެގޮތުން މި ހަރަކާތުގެ ތެރެއިން ޗައިނާގެ ޓޫރިސްޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ވީއައިއޭ) އަށް އައުމާ އެކު އެ މީހުންނާ ބައްދަލުކޮށް، މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގަ އާއި ޗުއްޓީ ހޭދަކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު އަންނަނީ ދެމުންނެވެ.
މީގެއިތުރުން މި ހަރަކާތުގެ ތެރެއިން ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ލީފްލެޓް ޓޫރިސްޓުންނަށް ދިނުމަށް ހަމަޖެހިފައިވާ އިރު، މި ލީފްލެޓްގައި މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވާއިރު ފަތުރުވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ރާއްޖޭގައި އުޅޭ އިރު ސަމާލުކަން ދޭންވީ ކަންކަމުގެ އިތުރުން ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތާއި އިމަޖެންސީ ހާލަތްތަކުގައި އަމަލު ކުރަންވީ ގޮތުގެ މައުލޫމާތު ހިމެނެ އެވެ.

ޗައިނާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން 200،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.