ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ރާޖްކުމާރު ރާއޯ ޕްރޮޑިއުސްކުރާ ދެ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ޕިންކްވިލާ އިން މިއަދު ބުނީ ރާޖް އާއި އަންހެނުން ޕަޓްރަލޭކާ ގުޅިގެން ޕްރޮޑިއުސްކުރާ ދެ ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމުގެ ޝޫޓިން މާދަމާ މުމްބާއިގައި ފަށަން ހަމަޖެހިފައިވާ ކަމަށެވެ. ނަން އަދި ސާފު ނުވާ މި ފިލްމަކީ މުމްބާއީގެ ބިޒީ، އުނދަގޫ ދިރިއުޅުމަށް ބިނާކޮށް ހަދާ ޑްރާމާއެކެވެ.
ފިލްމުގައި ރާޖާ އެކީ ބަތަލާގެ ރޯލު ކުޅެން ހަމަޖެހިފައި ވަނީ ސާނިއާ މަލްއުތުރާ އެވެ. އެ ދެ މީހުން އެކީގައި ކުރިން ކުޅުނު ފިލްމަކީ 2022 ގެ ތުރިލާ "ހިޓް: ދަ ފަސްޓް ކޭސް" އެވެ. ކާސްްޓްގައި އަބީޝެކް ބެނަޖީ އާއ ސީމާ ޕަހްވާ ވެސް ހިމެނޭ އާ ފިލްމުގެ ޑައިރެކްޓަރަކީ ވިވެކް ދާސްޗައުދަރީ އެވެ.
ރާޖް ޕްރޮޑިއުސްކޮށް ކުޅޭ ދެވަނަ ފިލްމަކީ ނެޓްފްލިކްސްއާ ގުޅިގެން ހަދާ ޑާކް ކޮމެޑީއެކެވެ. މަރެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ ސެޕްޓެމްބަރު މަހު ނެޓްފްލިކްސް އިން ގެނެސްދިން ކްރައިމް ތުރިލާ "ސެކްޓާ 36" ގެ ޑައިރެކްޓަރު އަދިތިޔާ ނިމްބަލްކަރެވެ.
ނަން އަދި ހާމަނުކުރާ ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ރާޖަކީ މި އަހަރު ބޮލީވުޑްގެ އެންމެ ބޮޑު ހިޓް ކަމަށްވާ ހޮރޯ-ކޮމެޑީ "އިސްތިރީ 2" ގެ ބަތަލެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭނަ ވަނީ ފިލްމު ކުޅޭ އަގު ވެސް ބޮޑުކޮށްފަ އެވެ.
ރާޖް މިހާރު އަންނަނީ "މާލިކް" ކިޔާ ގޭންގްސްޓާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.