Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

ކުޑަކުދިންގެ ހައްގުތަކަށް އަރާ ނަމަ ހަރުކަށި އަދަބު ދެވޭނެ

އަންނަ އަހަރަކީ ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރާނެ އަހަރަކަށް ވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާޢު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ށ. ފުނަދޫގައި ބޭއްވި ހަވީރުގައި ސީޕީ ވިދާޅުވީ ގާނޫނުތަކުން ކުޑަކުދިންނަށް ލިބިފައިވާ އެއްވެސް ހައްގަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ ބެލުމުގެ ޒިންމާ އޮންނަނީ ފުލުހުންނަށް ކަމަށާއި އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ކުޑަކުދިންނާ މެދު ހިންގޭ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ވެސް އިތުރުވަމުންދާ ކަމަށެވެ. އެހެންވެ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތައް އަންނަ އަހަރަށް ތަރުތީބުކުރާ އިރު، އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންގެ ރައްކާތެރިކަމަށް އިސްކަން ދިނުން ކަނޑައެޅިގެން ދާނެ ކަމަށެވެ.