ގަދަބާރުން ރައްޔިތުން މައިތިރިއެއް ނުކުރެވޭނެ ކަމަށާއި ފާޑުކިޔުންތައް ހަޖަމްކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ހުސެއިން ޝާފިއު މިއަދު ފުލުހަށް ހާޒިރުކުރުމާ ގުޅިގެން ފައްޔާޒު ވިދާޅުވީ އެމްޑީޕީން މި މަހުގެ 10 ދުވަހު މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަން އުޅޭތީ އެއީ ގައުމު ހަލަބޮލިކުރަން ކުރާ ކަމެއްގެ ގޮތުގައި ޕީއެންސީން ސިފަކުރަމުންދާ ކަމަށާއި ނަމަވެސް ގައުމު ހަލަބޮލިކުރަން އެމްޑީޕީން ނޫޅޭ ކަމަށެވެ.
ނަމަވެސް ގޯސްކޮށް ކަންކަން ހިނގާނަމަ އެކަމާ ދެކޮޅަށް އަޑުއުފުލައި، އިހުތިޖާޖުކޮށް، މުޒާހަރާކޮށް، ޖަލްސާތައް ބޭއްވުމަކީ ގާނޫނު އަސާސީން ލާޒިމު ކުރާ ކަމެއް ކަމަށާއި އެމްޑީޕީގެ އެކްޓިވިސްޓެއް މިއަދު ފުލުހަށް ހާޒިރުކުރީ އެކަންކަން ހުއްޓުވަން ބިރު ދެއްކުމުގެ ގޮތުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މި ބޭފުޅުން ވެސް ބުއްދިއެއް ހުރިނަމަ ހަގީގަތުގައި ވިސްނަންޖެހޭ، ގަދަބާރުން ދިވެހި ރައްޔިތުން މައިތިރިކޮށްގެން ނުގެންގުޅެވޭނެކަން. އަނިޔާވެރިވީ ވަރަކަށް އަޑުގަދަ ވާނެ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ރާއްޖޭގެ މަސްރަހު މިއަދު އޮތީ މީހުންނަށް މިނިވަންކަމާއެކު ބަސް ބުނެވޭ ގޮތަށް ކަމަށާއި ފާޑުކިޔުންތައް ސަރުކާރުން ހަމަޖްކުރަންޖެހޭ ކަމަށެވެ. މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރާއި ދިމާލަށް ނުކިޔާކަށް އެއްޗެއް ނެތް ކަމަށާއި ނަމަވެސް ވެރިކަން ކުރީ އެ ކަންކަން ހަޖަމްކޮށްގެން ތިބެ ކަމަށްވެސް ވިދާޅުވި އެވެ.
"މި ބޭފުޅުން ވެސް ހަޖަމްކޮށްގެން ރީއްޗަށް ކަންކަން ކުރަންވީ. ސިޔާސީ ކަންކަމަށް ނިކުންނަ މީހުންނަށް ގަބޫލުކުރެވެން ޖެހޭނެ، ހައްގުން ވެސް ހައްގު ނޫން ގޮތުން ވެސް އެއްޗެހި މީހުން ކިޔާނެކަން. އެހެން ކިޔާ ކޮންމެ ފަހަރަކު އެކަމާ ރުޅި އައިސްގެން މީހުންތަކެއް ހައްޔަރުކޮށް، އަނިޔާވެރިވާން އުޅުމަކީ އަސްލު ވަރަށް ބޮޑުތަނުން އަޅުގަނޑުމެން ފަހަތަށް ދާނެ ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.