Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އެގްރިކަލްޗާ މިނިސްޓްރީ ހިންގުން މާރިޔާ އަށް

އެގްރިކަލްޗާ މިނިސްޓަރު އައިޝަތު ރަމީލާ މިއަދު އިސްތިއުފާ ދެއްވުމުން އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގަން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާ ހަވާލުކޮށްފި އެވެ.

ރައިސް މަގާމުން އިސްތިއުފާ ދެއްވީ ޞިއްޙީ ޙާލުކޮޅު ހުރި ގޮތުންނެވެ.

ރަމީލާ، އަލާސްކަންފުޅުގައި އުޅުއްވަމުންވެސް، މަގާމުގެ ހައިސިއްޔަތުން، ރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން، މި ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް، ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

"ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" ރައީސް ވިދާޅުވި އެވެ. ".ކުރިއަށް އޮތް ތަނުގައިވެސް ކަމަނާގެ ޚިދުމަތް ދިވެހި ޤައުމަށް ލިބޭނެކަން އަޅުގަނޑު ޔަޤީންކުރަން."

ރައީސް ވިދާޅުވީ ދުޢާއަކީ، ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅުން އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި އަދަށްވުރެ އުފާވެރި ފާގަތި މުސްތަޤުބަލެއް މިންވަރުކުރެއްވުން ކަމަށެވެ.

ރަމީލާ ގެންދަވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެކަމަނާ ފަރުވާ ހޯއްދަވަނީ މެޓަސްޓޭޓިކް ސީރަސް ޕެޕިލަރީ ކާސިނޯމާ ކެންސަރަށެވެ.

އެ ބައްޔަށް ޑައިގްނޯޒްވި ވާހަކަ ރަމީލާ ފުރަތަމަ ހާމަކުރެއްވީ މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތްތާ މާ ގިނަ ދުވަސްތަކެއް ނުވީސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. އޭގެ ފަހުން މި އަަހަރުގެ ޖޫންގައި ފަރުވާ އަށް ވަޑައިގަންނަވަން މިނިސްޓަރުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތެވެ.

ޑރ. ރަމީލާ އަކީ މި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މަދު ކަނބަލުންގެ ތެރެއިން އެއް ކަނބަލެވެ.