Last Updated: July 19, 11:46
Saturday, July 19, 2025
ކުޅިވަރު

ސިޓީ ބަލިކޮށް ލިވަޕޫލަށް 9 ޕޮއިންޓުގެ ލީޑެއް

ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ 2-0 އިން ބަލިކޮށް އެއްވަނައިގައި ލިވަޕޫލުން 9 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލިވަޕޫލް އެއްވަނައިގައި އޮތީ 13 މެޗުން 34 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް އާސެނަލް އަދި ތިންވަނައިގައި އޮތް ޗެލްސީ އަށް 25 ޕޮއިންޓު ލިބިފައިވާއިރު ހަތަރުވަނައިގައި އޮތް ބްރައިޓަން އަދި ފަސްވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ 23 ޕޮއިންޓެވެ.

މި މެޗުން ސިޓީ ބަލިވިއިރު، އެންމެފަހުން ކުޅުނު 7 މެޗުން ވެސް އެޓީމެއް މޮޅެއް ހޯދިފައެއް ނުވެ އެވެ. އޭގެތެރެއިން ހަ މެޗުން ސިޓީ ވަނީ ބަލިވެފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 12 ވަނަ މިނެޓްގައި ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. މިއީ މުހައްމަދު ސަލާ ތަނަވަސްކޮށްދިން ފުރުސަތަކުން ގޯލު ކުރިމަތީ ހުހަށް ހުރެ ބޯޅަ ވައްދާލައިގެން ގަކްޕޯ ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ދެވަނަ ހާފުގައި ސިޓީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރި ނަމަވެސް އެޓީމަށް މާ ނުރައްކާތެރި ހަމަލާތަކެއް ލިވަޕޫލްގެ ގޯލަށް ފޮނުވާލެވިފައެއް ނުވެ އެވެ.

މި މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ދެވަނަ ގޯލަކީ މެޗުގެ 78 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ސަލާ ކާމިޔާބުކޮށްދިން ގޯލެކެވެ. މި ޕެނަލްޓީ ލިވަޕޫލަށް ލިބުނީ ލުއިސް ޑިއާޒަށް ސިޓީގެ ގޯލްކީޕަރު ސްޓެފަން އޮޓޭގާ ކުރި ފައުލަކާއި ގުޅިގެންނެވެ. މިއީ ލީގުގައި ސަލާ ކާމިޔާބުކުރި 11 ވަނަ ގޯލެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާގެ ފަރަގު ކުޑަކޮށްލަން ދެވަނަ ހާފުގައި ކުޅެން އެރި ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރު ކެލަހާ ވަނީ މަތަކޮށްފަ އެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީން ވަނީ 3-0 އިން އެސްޓަންވިލާ ބަލިކޮށްފަ އެވެ. މެންޗެސްޓާ ޔުނައިޓެޑުން 4-0 އިން އެވަޓަން ބަލިކުރިއިރު، ޓޮޓެންހަމް އާއި ފުލަމް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.