ކަތީބުންގެ ޒަމާނަކަށް ރާއްޖެ އެނބުރި ދެން ނުދާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމު އޮންނަންޖެހޭކަން ރައްޔިތުން ގަބޫލުކޮށްފައިވާ ކަމަށާއި ލާމަރުކަޒީ ނިޒާމު އެނބުރި ފަހަތަކަށް ދެން ނުދާނެ ކަމަށެވެ.
"ބަޔަކު އަދި ކޮންމެ ވާހަކައެއް ދެއްކި ކަމަށްވިޔަސް ކުރީގައި އޮތް ކަތީބުންގެ ޒަމާނަކަށް ދެނެއް ނުދާނެ. އެއަށް ވުރެ ބޮޑަށް ރާއްޖޭގެ ރައްޔިތުން މިއޮތީ ލާމަރުކަޒީ ނިޒާމު ބަލައިގެންފައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ރާއްޖެ އަކީ ޔުނިޓަރީ ދައުލަތެއް ކަމަށްވާއިރު ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައެއްގެ ގޮތުގައި މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ލިބޭނެ ގޮތެއްގެ މަތިން ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުގެ ތެރެއިން ކައުންސިލްތަކުގެ ދައުރު ފުޅާކުރުމަކީ މިއަދު ޒިންމާއެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމަށް އިންގިލާބީ ބަދަލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެނެސްދެއްވާނެ ކަމަށާއި ރައްޔިތުން އިތުބާރު ކުރާ ކައުންސިލްތަކެއް އުފެއްދުމުގައި ސަރުކާރު ދެމި އޮންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް ކައުންސިލްތަކުގެ އެއްބާރުލުން ސަރުކާރުގެ އެކި ކަންކަމުގައި ލިބިގެންދާ ކަމަށްވެސް ވިދާޅުވެފަ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ "އާބަން ޑިވެލޮޕްމަންޓް ބިލު" ތަސްދީގުކުރުން ފަސްކޮށް، އިތުރަށް މުރާޖާކުރުމަށް މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން (އެމްއެލްސީއޭ) އިން ވަނީ ގޮވާލާފަ އެވެ.