Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

ވިކްރާންތު ފިލްމު ކުޅުން ހުއްޓާލަން ނިންމައިފި

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޓްވެލްތު ފެއިލް" ގެ އެކްޓަރު ވިކްރާންތު މަސީ އެކްޓިން ދޫކޮށްލަން ނިންމައިފިކަން އިއުލާންކޮށްފި އެވެ.

ބޮލީވުޑްގެ މިހާރުގެ އެންމެ ހުނަރުވެރި އަދި ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ 37 އަހަރުގެ އެކްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އަންނަ އަހަރަކީ އޭނަ ފިލްމުތަކުން ފެންނާނެ ފަހު އަހަރު ކަމަށެވެ. އަދި ފާއިތުވި މި މުއްދަތުގެ ތެރޭގައި ބެލުންތެރިންނާއި ފޭނުން ދިން ލޯތްބާއި ސަޕޯޓަަށް ޝުކުރުވެރިވާ ކަމަށް ވެސް ވިކްރާންތު ބުންޏެވެ.

ދެހާސް ބާވީހުގައި ކައިވެނިކޮށް މިހާރު ދަރިޔަކު ވެސް ހުރި އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ޕޮލިޓިކަލް ޑްރާމާ "ދަ ސަބްރަމާތީ ރިޕޯޓް" އެވެ. ވިކްރާންތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޔާރު ޖިގްރީ"، "ޓީއެމްއީ" އަދި "އާނކޯ ކީ ގުސްތާކިޔާ" ހިމެނެ އެވެ.

ވިކްރާންތު އެކްޓިން އަށް ނުކުތީ ޓީވީ ސިލްސިލާއަކުންނެވެ. އެއީ 2007 ގެ އެއީ "ދޫމް މަޗޯއާ ދޫމް" އެވެ. އޭގެ ފަހުން ގިނަ އަދަދެއްގެ ސިލްސިލާތައް ކުޅެފައިވެ އެވެ. އަދި މި ފަހުން އޭނަ ވަރަށް ކާމިޔާބު ވެބް ސީރީޒްތަކެއް ވެސް ކުޅެފައިވެ އެވެ.