Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

"ރޯލީމޭ" އަންނަން ތައްޔާރު، މިއޮތީ ޕޯސްޓަރު

ޑާކް ރެއިން އެންޓަޓައިންމަންޓުން މީޑިއާނެޓާ ގުޅިގެން ގެނެސްދޭން ތައްޔާރުވަމުން އަންނަ ވެބް ސީރީޒް "ރޯލީމޭ" ގެ ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

ޕޯސްޓަރާ އެކީ ބުނެފައި ވަނީ ބެލުންތެރިންނާ ހަމައަށް ވަރަށް އަވަހަށް ސީރީޒް މީޑިއާނެޓްގެ ސްޓްރީމިން ޕްލެޓްފޯމް އެމްއެސް ވީޑިއޯ ކުލަބަށް އަންނާނެ ކަމަށެވެ.

"ރޯލީމޭ" އަކީ ޑާކް ރެއިނުން އޮކްޓޯބަރުގައި ގެނެސްދިން ހޮރޯ-ކޮމެޑީ "ބިބީ" ލިޔެ، ޑައިރެކްޓްކުރި ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް އަލާ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒެކެވެ. މީގެ މަސައްކަތް ފާއިތުވި ދެ މަހުން ފެށިގެން ބާރަށް ކުރިއަށްދާ އިރު، ސީރީޒުން ބޮޑު ކާސްޓެއް ފެންނާނެ އެވެ.

އޭގެ ތެރޭގައި ޝަރަފު އަބްދުﷲ، މަރިޔަމް މަޖުދާ (މަޖޫ)، މޫސާ އަލީފް، ނުޒުހަތު ޝުއައިބް (ނުޒޫ)، ރޯނު ހަސަން މަނިކު، އައިމިނަތު ޝުހާ، ޝީލާ ނަޖީބް އަދި މަރިޔަމް ހަލީމް ހިމެނެ އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައި ދޭނެ "ރޯލީމޭ" އަކީ 15 އެޕިސޯޑްގެ ސީރީޒެކެވެ.