"ބްރިކްސް" ގެ ގައުމުތަކަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.
ދޭދޭ ގައުމުތަކުގެ މެދުގައި އިގުތިސާދީ ބާރުވެރިކަމަށް ހާއްސަކޮށްގެން އުފައްދާފައިވާ "ބްރިކްސް" ގެ ގައުމުތަކަށް ޓްރަމްޕް އިންޒާރު ދެއްވީ އެ ގައުމުތަކުން އެމެރިކާގެ ޑޮލަރުގެ ބަދަލުގައި ބޭނުން ކުރާނެ އެއް ފައިސާއެއްގެ ވާހަތަކެއް މިހާރު ދެކެވެމުންދާތީ އެކަމަށް އިޝާރާތް ކުރައްވައި އޭނަގެ އަމިއްލަ ސޯޝަލް ޕްލެޓްފޯމް 'ސޯޝަލް ޓުރުތު' ގެ ޕޯސްޓްތަކެއްގަ އެވެ.
ޓްރަމްޕް ވިދާޅުވީ "އެމެރިކާ ޑޮލަރު ނޫން ގޮތެއް ހޯދަން ބްރިކްސް އިން ކުރާ މަސައްކަތް ވާނީ ފެއިލް" ކަމަށާއި "އެއީ ދުވަހަކު ވެސް ވާނެ ކަމެއް ނޫން" ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އޭނަ ވެރިކަމަށް ވަޑައިގެން "ބްރިކްސް" އާ ދެކޮޅަށް އަޅާނެ އެންމެ މުހިއްމު އިގުތިސާދީ ފިޔަވަޅަކީ އެ ޖަމާއަތުގައި ހިމެނޭ ގައުމުތަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް 100 ޕަސެންޓަށް ބޮޑު ކުރުން ކަމަށެވެ. މި އިންޒާރު މިދިޔަ ހަފުތާގައި ވެސް ޓްރަމްޕް ތިން ގައުމަކަށް ދެއްވާފައިވެ އެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ ދުވަހު މެކްސިކޯ އާއި ކެނެޑާ އަދި ޗައިނާގެ މުދަލުން ޓެރިފް ބޮޑު ކުރައްވާނެމުގެ އިންޒާރު ދެއްވާފައިވެ އެވެ.
"ބްރިކްސް" އަށް ދެއްވި އިންޒާރުގައި ޓްރަމްޕް ވިދާޅުވީ އެ ޖަމާއަތުގެ ގައުމުތަކަށް އޮތް ގޮތަކީ އެމެރިކާ ޑޮލަރު ނޫން ގޮތެއް ހޯދަން އުޅޭ ނަމަ 100 ޕަސެންޓް ޓެރިފާ ކުރިމަތިލާން ޖެހުން ކަމަށެވެ.
"އޭގެ މާނަ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސާދަށް އެ ގައުމުތަމުގެ މުދާ އަލްވަދާއު ކިޔަން ޖެހޭނޭ." އަބަދު ވެސް ގަދަ ބަސް ވިދާޅުވަމުން ގެންދަވާ ޓްރަމްޕް ވިދާޅުވި އެވެ.
'ބްރިކްސް' ގައި ހިމެނޭ ވަރުގަދަ ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިއާ، އިންޑިއާ، ޔޫއޭއީ، މިސްރު، ބްރެޒިލް އަދި ދެކުނު ދެކުނު އެފްރިކާ ހިމެނެ އެވެ.
'ބްރިކްސް' އުފެއްދީ މީގެ 18 އަހަރު ކުރިން ޖޫން 16، 2009 ގަ އެވެ. އޭގެ މެންބަރުންގެ އަދަދު މިހާރު 13 އަށް އަރަ އެވެ. އަދި އެކި ގައުމުތަކުން އަންނަނީ 'ބްރިކްސް' އާ ގުޅެން ޝައުގުވެރިކަން ވެސް ފާޅުކުރަމުންނެވެ.